ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ސަރުކާރުން ނިންމާފައިވަނީ އެމަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ދަނެގަނެ، ގެއްލުންތަކުގެ ހައްލުވެސް ހޯދައިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު ވިދާޅުވެފައިވަނީ މިމަޝްރޫއުގެ ސަބަބުން އެސަރަހައްދުގެ ތިމާވެއްޓަށް ލިބޭނެ ގެއްލުމާއި ބެހޭ ރިޕޯޓެއް ވަނީ ކުރިން ހަދާފައި ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުވެސް ހޯދާފައިވާ ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.
މިސަރުކާރުގެ އެއާޕޯޓު ސިޔާސަތަށް އަލި އަޅުވާލަމުން ޒަމީރު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަމާޒަކީ ސްޕީޑު ލާންޗެއްގައި 30 މިނެޓު ކޮށްފައިދާން ޖެހޭ ކޮންމެ ހިސާބެއްގައި އެއާޕޯޓެއް އެޅުން ކަމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ނިންމައި، އެރަށުގެ ކުޅިއާއި މޫދުން ބައެއް ހިއްކައިގެން ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ސަރުކާރުން ފޫގަޅާފައިވާއިރު ކުޅި ހިއްކުން އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
ތިމާވެއްޓަށް މިކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރާމެދު އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއަދު އެންވަޔަރޮމެންޓް މިނިސްޓްރީ ކުރިމަތީ ކަންބޮޑުވާ ފަރާތްތަކުން ކުރި ސުލްހަވެރި މުޒާހަރާ ފުލުހުން ވަނީ ހުއްޓުވާފައެވެ.