"ގޯ ގޯއާ ގޯން" ގެ ދެވަނަ ފިލްމެއް ހަދާނެކަން ކުނާލް ކޭމޫ ކަށަވަރުކޮށްދީފި އެވެ.
އިންޑިއާގެ ފުރަތަމަ ޒޮމްބީ-ކޮމެޑީ ފިލްމް ކަމަށްވާ 2013 ވަނަ އަހަރު ރިލީޒް ކުރެވުނު "ގޯ ގޯއާ ގޯން" ވެގެންދިޔައީ ބޮޑު ހިޓަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ސައިފް އަލީ ޚާން އާއި ކުނާލް ކޭމޫގެ އިތުރުން ވިރް ދާސް ފެނިގެންދިޔަ މި ފިލްމްގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ކުނާލް ވަނީ ފިލްމަށްޓަކައި ބައެއް ވާހަކަތައް ޝޯޓްލިސްޓް ކޮށްފައެވެ. އަދި ވަރަށް އަވަހަށް ކޮންމެވެސް އެއް ވާހަކައެއް ފައިނަލް ކުރުމަށްފަހު ފިލްމްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފަށާނެ އެވެ.
އެހެންނަމަވެސް ފިލްމްގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ބައާއި ގުޅިގެން އަންނަ ވާހަކައެއްކަން ނުވަތަ މުޅިން އާ ވާހަކައެއްކަން ހާމަކުރެވެން ނެތް ކަމަށް ކުނާލް ވަނީ ބުނެފައެވެ.
ކުނާލް ބުނި ގޮތުގައި ދެވަނަ ބަޔަށް ފިލްމްގެ އޮރިޖިނަލް ކާސްޓް އެނބުރި އަންނާނެ އެވެ.