Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަޅުގަނޑުމެން މިތިބީ އަނބި ދަށުވެފައި: މޫސަ

* "އަނބި ދަށުވެގެން ވެސް ފިރި ދަށުވުގެން ވެސް ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއް އެބައޮތް"

އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އަންހެނުންނަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކަނބަލުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، އަބަދުވެސް ތިއްބަވަނީ އަންހެން ކަނބަލުންނަށް ވަރަށް އިސްކަން ދެއްވައިގެން ކަމަށާއި އަދި ހުރިހާ ފިރިހެނުން ތިބީ އަނބިދަށުވެފައި ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ތިބެނީ އަންހެން ކަނބަލުންނަށް އިސްކަން ދީގެން ހަމަގައިމުވެސް އަޅުގަނޑުމެން ދިވެހި ބަހުން ބުނާނަމަ އަޅުގަނޑުމެން ހުރިހާ ފިރިހެނުން މިތިބީ އަނބިދަށުވެފައި"

"އަނބި ދަށުވެގެން ވެސް ފިރި ދަށުވުގެން ވެސް" ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއް އެބައޮތް ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، އެ މަސައްކަތަކީ، ޤައުމުގައި ފަނާވެ ގޮސްފައިވާ ޒުވާނުންގެ އަޚްލާޤް އަނބުރާ ރުޖޫޢަކުރުން ކަމަށެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، ރާއްޖޭގެ އަންހެން ބޭކަނބަލުންނަކީ ސިޔާސީ ގޮތުން މި ރާއްޖޭގައި ވަރުގަދަ ބައެއް ކަމަށާއި ސިޔާސީ ދާއިރާގައި ކަންތައް ކުރެވޭ ބަޔަކީވެސް އެއީ ކަމަށެވެ.

ރޭގެ ޖަލްސާގައި މޫސަ ވަނީ ރައީސް ޔާމީންގެ އަނބިކަނބަލުންގެ ފާތިމަތު އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން އަތޮޅު ތެރެއަށް ވަޑައިގެން ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތުގެ ބޮޑު ބައެއް ހިނގަމުންދާ ގޮތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވާ ރައްޔިތުން ދެކޭ ގޮތް އޮޅުންފިލުއްވަނީ ފަސްޓް ލޭޑީ ފާތުން ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.