Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހަސަން ވަޒީފާ އިން ކަނޑާލި އަޑުއެހުންތައް ނިންމާލައިފި

ހިތަދޫ ޕޯޓް ލިމިޓެޑް(އެޗްޕީއެލް) ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ފާއިތުވި ޖޫން މަހުގެ 18 ވަނަ ދުވަހު، ވަޒީފާއިން ވަކިކުރި ޙަސަން އަހުމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން އަހްމަދުގެ ފަރާތުން ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައިގެ ފަހު އެޑުއެހުން ބާއްވާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

އެޗްޕީއެލްގެ ސީނިއަ ޓަގް ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން ގެންދިޔަ ހަސަން އަހުމަދު ވަޒީފާއިން ވަކިކޮށްފައި "އަޚްލާޤީ ފެންވަރު ދަށް" ކަމަށް ބުނެއެވެ.

ހަސަން އަހްމަދުގެ ފަރާތުން ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ހަގީގަތާއި ޚިލާފް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ރޭވުމެއްގެ ތެރެއިން ކަމަށެވެ. އަދި މީގެ އިތުރުން އެޗްޕީއެލްގައި އަދާކުރި ވަޒީފާ އަނބުރާ ހޯދައިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަަދަލު ހޯދުމަށް ވެސް ހަސަން އަހްމަދުގެ ފަރާތުން ވަނީ ޓްރައިބިއުނަލްގައި އެދިފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހަސަން އަހްމަދުގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ފާއިތުވި ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

2005 ވަނަ އަހަރުން ފެށިގެން ހިތަދޫ ބަނދަރުގައި މަސައްކަތް ކުރަމުން ގެންދާ ހަސަން އަހްމަދު ވަޒީފާއިން ވަކިކުރުމާއި ހަމައަށް އޭނާ އަށް ވަނީ 5 ފަހަރަށް މަޤާމުގެ ކުރިއެރުން ދީފައެވެ.

ހަސަން އަހުމަދު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޕީއެލްގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ، އެޗްޕީއެލްގެ ވަޒީފާއިން ވަކިކުރީ ރޭވުމެއްގެ ތެރެއިން ދޮގު ތުހުމަތުތަކެއް ކުރުމަށް ފަހު ކަމަށެވެ.

އެހެން ނަމަވެސް އެވާހަކަތައް އެޗްޕީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު (މެޓްރިކްސްމޯޑް) ވަނީ ދޮގުކޮށްފައެވެ. އެޗްޕީއެލްގެ އޮފިޝަލަކު ވެސް 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނީ ހަސަން އަހްމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ "ބަލަންޖެހޭ ހުރިހާ ބެލުމެއް ބެލުމަށް ފަހު" ކަމަށެވެ.