ބަނޑޭރި ކޮށީގެ ގެއަކަށް ފުލުހުން ވަދެ އެގޭގައި ތިބި އެއްޗެހި ނެރެ، ގެ ހުސްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި ގެއަށް ފުލުހުން ވަދެފައިވަނީ ސިފައިންގެ އެދުމުގެ މަތިންނެވެ. ބަނޑޭރި ކޮށްޓަކީ ސިފައިންނަށް ޚާއްސަކޮށް ދޫކޮށްފައިވާ ތަނެކެވެ.
ފުލުހުން މިއަދު ވަދެފައިވަނީ ބަނޑޭރިކޮށި ދޭއްގެ ގެއަކަށެވެ. އެ ގެއަކީ ސިފައިންގެ ޚިދުމަތުގައި 40 އަހަރު ހޭދަކޮށްފައިވާ މީހަކަށް ދޫކޮށްފައިވާ ތަނެކެވެ.
ފުލުހުން އެގެ ހުސްކޮށްފައިވަނީ ބަދަލުނުދީ ހުސްނުކުރެވޭނެ ކަމަށް ހައިކޯޓުން ހުކުމްކޮށްފައިވަނިކޮށް ކަމަށް އެނގިފައިވެއެވެ. އަދި ފުލުހުން ލައްވައި ގެ ހުސްކުރަން އުޅޭތީ ސިވިލް ކޯޓަށް މައްސަލަވެސް އާއިލާގެ ފަރާތުން ވަނީ ހުށައަޅާފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު 11:30 އަށް ވަނީ ތާވަލުކޮށްފައެވެ. ފުލުހުން ގެ ހުސްކުރަން ވަދެފައިވަނީ ކޯޓު އަމުރެއްވެސް ނެތި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.