އެރެކްނޮފޯބިއާ ހުންނަ މީހުންނަށް ތިރީގައިވާ ވީޑިއޯ ވެގެންދާނީ ބިރުވެރި ހުވަފެނަކަށެވެ.
މި ވީޑިއޯ އަކީ ބަލަން ބޭނުން ނޫންނަމަވެސް، ނުބަލައި ހުންނަން އުނދަގޫ ވީޑިއޯއެކެވެ.
ބޮލުގައި ރިއްސުމަކީ ވަރަށް އާންމު ކަމެކެވެ. ތިރީގައިވާ ވީޑިއޯ އިން ފެންނަ އަންހެން މީހާ ވެސް ހޮސްޕިޓަލަށް ދިޔައީ ބޮލުގައި މާ ގަދައަށް ރިއްސާތީ އެކަމަށް ހައްލެއް ހޯދުމަށްޓަކައެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ދިއުމުން އެނގުނީ އޭނާގެ ބޮލުގައި ރިއްސާ ރިއްސުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
ޑޮކްޓަރުން އޭނާގެ ކަންފަތް ބެލުމުން ފެނުނީ ކަންފަތް ތެރޭގައި ދިރިހުރި މަކުނެއް އޮތް ތަނެވެ. ތިރީގައިވާ ވީޑިއޯ އިން އެ މަކުނު އެމީހާގެ ކަންފަތުން ނިކުންނަ މަންޒަރު ފެންނާނެ އެވެ.
ދަ އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކުރާ ގޮތުގައި ވީޑިއޯއިން ފެންނަ މީހާ އަކީ ކަރްނާޓަކާ ސްޓޭޓަށް ނިސްބަތްވާ އަންހެނެކެވެ. އޭނާގެ ނަމަކީ ލަކްޝްމީ އެލް އެވެ. ބޭރު ފެންޑާމުގައި ނިދިފަހުން އޭނާގެ ބޮލުގައި މާ ގަދައަށް ރިއްސާތީ އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ.
ހޮސްޕިޓަލުން އޭނާއަށް ފަރުވާދިން ޑޮކްޓަރު ކަމަށްވާ ޑރ. ސަންތޯޝް ޝިވްސްވާމީ ވިދާޅުވީ ކަންފަތުގައި އެއްޗެހި ހަރުލާފައި ހުރުމުގެ ސަބަބުން ފަރުވާ ހޯދަން އަންނަ މީހުން ވަރަށް ގިނަ ކަމަށެވެ. އެހެންނަމަވެސް ދިރިހުރި މަކުނެއް ކަންފަތުގައި އޮވެގެން ބޮލުގައި ރިއްސުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.