އުރީދޫގެ ޕްރިމިއަރ ކަސްޓަމަރުންނަށް މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއިން ޑިސްކައުންޓް ލިބޭ ގޮތަށް ޕާޓްނާޝިޕް އެގްރިމެންޓެއް ހަދައިފި އެވެ.
ގަން އީކުއޭޓަ ވިލެޖްގައި މިއަދު ހަވީރު ފެށި ސައުތު އޭޝިއަން އެވޯޑްސް ހަފްލާގެ ނެޓްވޯކިން ފޯރަމްގައި ވާހަކަ ދައްކަވަމުން އުރީދޫ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އަގޯޑާ އާއި އެކު ވެވުނު އެއްބަސް ވުމުގެ ދަށުން އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް އަގޯޑާ މެދުވެރިކޮށް ހަދާ ބުކިން އިން 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެކަމަށެވެ.
ނަޖީބް ވިދާޅުވީ އުރީދޫން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ހިދްމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން މުވާސަލާތީ ޓެކްނޮލޮޖީ އާއި ފަތުރުވެރިކަމަކީ ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި އުރީދޫގެ އަމާޒަކީ ޓޫރިޒަމާއި ހޮސްޕިޓާލިޓީގެ ދާއިރާގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކީގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތް ދިނުން ކަމަށެވެ.
އައްޑޫގައި މިއަދު ފެށި ސައުތު އޭޝިއަން އެވޯޑް (ސަޓާ)ގެ ޕްލެޓިނަމް ޕާޓްނާ އަކީ އުރީދޫއެވެ.