ހިތަދޫގެ ފުޓުބޯޅަ ކުލަބެއް ކަމަށްވާ އެފްސީ ޒެފިއާ އިން މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ޒެފިއާގެ އޮފިޝަލަކު ބުނީ މި ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ނޮވެމްބަރު 25 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ނަގާ އެންޓްރީ ފީގެ ގޮތުގައި -/3500 ރުފިޔާ ދައްކަން ޖެހޭއިރު ކޮންމެ ޓީމެއްގައި ވެސް އައްޑޫން ބޭރު ކުޅުންތެރިންގެ ގޮތުގައި ހިމެނޭނީ ގިނަ ވެގެން 2 ކުޅުންތެރިންނެވެ.
ޒެފިއާ އިން މައުލޫމާތު ދީފައިވާގޮތުގައި މިމުބާރާތް ކުރިއަށް ދާނީ ހިތަދޫ އީދިގަލި ދަނޑުގައެވެ. އީދިގަލި ކިޅި ކައިރީ އޮންނަ މި ދަނޑުގައި ފާއިތުވި އަހަރުވެސް ޒެފިއާ އިން އިންތިޒާމް ކޮށްގެން ފުޓްސަލް މުބާރާތެއް ވަނީ ބާއްވާފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަނދުވަރީހިނގުމުގައި ހުންނަ(ޒެފިއާ ކަންމަތި) ޒެފިއާ އޮފީހުން ފޯމް ލިބޭނެއެވެ. މީގެ އިތުރުން މުބާރާތާއި ބެހޭ މައުލޫމާތު ސާފުކުރުމަށް 7666444 އަދި 7986686 އަށް ގުޅުއްވުމަށް ކްލަބް ޒެފިއާ އިން އެދެއެވެ.