ޓޮޓެންހަމްގެ އެއް ނަމްބަރު ފޯވާޑް، ހެރީ ކޭން ނެތަސް މިއަދު ކުޅޭ ޕްރިމިއާ ލީގު މެޗުން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދޭނެ ކަމަށް ސްޕާސްގެ ކޯޗު ޕޮޗެޓީނޯ ބުނެފިއެވެ.
އަނިޔާގެ ސަބަބުން ކޭންއަށް މެޗު ގެއްލިފައިވާކަން އަންގައި ޕޮޗެޓީނޯ ބުނެފައިވަނީ ކޮންމެހެން ކޭން ނެތަސް އޭނާއަށް މާބޮޑު ހާސްކަމެއް ނެތް ކަމަށެވެ.
ޕޮޗެޓީނޯ އިތުރަށް ބުނެފައިވަނީ ޓީމުގެ އެންމެ މޮޅު ފޯވާޑް ނެތް ތަން ދައްކާނެ ކަމަށެވެ. ނަމަވެސް އޭނާއަކީ އެކަކު ނެތުމުން ބަދަލުގައި އެހެން މީހަކު އަރުވައިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ކޯޗެއް ކަމަށާއި މިއަދުގެ މެޗު ޔުނައިޓެޑަށް ފަސޭހަ ނުކުރާނެ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެން ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯއަށް ކޭން ނެތުމުން ފައިދާ ބޮޑުތޯ ސުވާލުކުރުމުން އޭނާ ވަނީ ޔުނައިޓެޑުގައި މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ނެތްކަން ފާހަގަކޮށް، ކޭންގެ ވާހަކަ އޭނާ ކައިރީ ނުދެއްކުމަށް އެދިފައެވެ.
އެގޮތުން މޮރީނިއޯ ފާހަގަކުރި ކުޅުންތެރިންގެ ތެރޭގައި ޕޮގްބާ، ފެލައިނީ، ރޯހޯ، ކެރިކް އަދި އިބްރާ ހިމެނެއެވެ. ޕޮގްބާއާ ފެލައިނީ ނެތުމުން ޔުނައިޓެޑުގެ މިޑްފީލްޑް ހީނަރުވެ މެދުތެރެއިން މައްސަލަތަކެއް ވަނީ ދިމާވެފައެވެ.