Last Updated: June 29, 02:43
Monday, June 29, 2026
މުނިފޫހިފިލުވުން

"ބްރަމާސްތުރާ" ޓްރިލޮޖީ 3ޑީކޮށް

ކަރަން ޖޯހަރްގެ ޓްރައިލޮޖީ ފިލްމް ފްރެންޗައިޒްގެ ނަމަކީ "ޑްރެގަން" ކަމުގައި މީގެ ކުރިން މީޑިއާގައި ވާހަކަ ދެކެވުނުއިރު، އެ ފިލްމްގެ ރަސްމީ ނަމަކީ "ބްރަމާސްތްރާ" ކަމުގައި ކަރަން ޖޯހަރް ކަށަވަރުކޮށްދީފި އެވެ.

މި ފްރެންޗައިޒްގައި ޖުމްލަ ތިން ފިލްމެއް އުފައްދަން ހަމަޖެހިފައިވާއިރު، ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ ރަންބީރް ކަޕޫރް އާއި އާލިއާ ބަޓްގެ އިތުރުން އަމީތާބް ބައްޗަން އެވެ. އަދި މި ފިލްމްތައް ޑައިރެކްޓް ކުރާނީ އަޔާން މުކަރްޖީ އެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ފެންޓަސީ އެޑްވެންޗާ ސީރީސްއެއް ކަމަށާއި، މި ފިލްމްތައް އުފެއްދުމުގައި ފޮކްސް ސްޓާ ސްޓޫޑިއޯސްގެ އިތުރުން ނަމިތް މަލޯތްރާ ވެސް ބައިވެރިވާނެ ކަމަށެވެ. މީގެ އިތުރުން މި ޓްރައިލޮޖީގެ ފުރަތަމަ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 15 އޮގަސްޓް 2019 ގައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމްގެ ބަޖެޓް 150 ކްރޯޑް ރުޕީސް އަށްވުރެ ބޮޑުވާނެ އެވެ. ފިލްމްގެ ކޯ-ޕްރޮޑިއުސަރު ކަމަށްވާ ނަމިތް މަލޯތްރާ ބުނެފައިވަނީ އެމީހުން ބޭނުންވަނީ ހޮލީވުޑް ފިލްމްތަކާއި އެއް ފެންވަރެއްގެ ފިލްމެއް އުފެއްދުން ކަމަށެވެ.

'ބްރަމާސްތްރާ" ރިލީޒް ކުރާނީ 3ޑީ ފޯމެޓަށެވެ. މި ފިލްމަކީ ބޮލީވުޑްގައި މިހާތަނަށް އުފައްދާފައިވާ ހުރިހާ ފިލްމަކާއި ވަރަށް ތަފާތު ފިލްމެކެވެ.