Last Updated: June 29, 02:43
Monday, June 29, 2026
މުނިފޫހިފިލުވުން

"2.0" ގެ އޯޑިއޯ އަލްބަމް ލޯންޗްކޮށްފި

ރަޖްނިކާންތް އާއި އަކްޝޭ ކުމާރްގެ "2.0" ގެ އޯޑިއޯ އަލްބަމް ވަނީ އިއްޔެ ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗް ކޮށްފިއެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވި ތަރިންގެ ތެރޭގައި އެމީ ޖެކްސަން، ކަރަން ޖޯހަރް، ރާނާ ދައްގުބަތީ، އޭއާރް ރަހްމާން އާއި އާރްޖޭ ބަލާޖީގެ އިތުރުން ވެސް އެހެނިހެން ފަންނާނުން ހިމެނެއެވެ.

"2.0" ގައި އަކްޝޭ ކުޅެނީ ވިލަންގެ ބައި ކަމުގައިވީއިރު، އެމީ ޖެކްސަން ކުޅެނީ އެންޑްރޮއިޑެއްގެ ރޯލެވެ. މި ދެ ތަރިން ވެސް ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަރަށް ވަރުގަދަ ޕާފޯމެންސެއް ދީފައެވެ. "2.0" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ތިން ބަހުން ކަމަށްވާއިރު، އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވެސް އޭގެ ތެރެއިން ކޮންމެ ބަހަކަށް ވަކި ހޯސްޓެއް ކަނޑައަޅާފައި ހުއްޓެވެ.

"2.0" ރިލީޒް ކުރާ ތިން ބަހަކީ ތަމަޅަ، ހިންދީ އަދި ޓެލުގޫ އެވެ. އިއްޔެގެ ރަސްމިއްޔާތުގައި ހިންދީ ހޯސްޓަކަށް ހުރީ ކަރަން ޖޯހަރް އެވެ. އަދި ތަމަޅަ ހޯސްޓަކަށް އާރްޖޭ ބާލާޖީ ހުރިއިރު، ޓެލުގޫ ހޯސްޓަކަށް ހުރީ ރާނާ ދައްގުބަތީ އެވެ.

އެ ރަސްމިއްޔާތަށްފަހު ފިލްމްގެ ކާސްޓް މެމްބަރުންނާއި އެކު ނެގި ފޮޓޯއެއް އަކްޝޭ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާއި ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/BaxDca8BtRq/?hl=en

"2.0" ގެ އޯޑިއޯ އަލްބަމް ގައި އޭއާރް ރެހްމާން އުފައްދާފައިވާ ތިން ލަވަ ހިމެނެއެވެ. އަދި އޭގެ ތެރެއިން ދެ ލަވައެއް މިހާރު ވެސް ވަނީ ރިލީޒްކޮށްފަ އެވެ.

ޚާއްސަ 3ޑީ ފޯމެޓެއްގައި މި ފިލްމް ރިލީޒް ކުރާނީ އަންނަ 2018 ވަނަ އަހަރުގެ އިންޑިއާގެ ޖުމްހޫރީ ދުވަހު އެވެ.