ޒައިރާ ވަސީމް އާއި އާމިރް ޚާންގެ ފިލްމް "ސީކްރެޓް ސުޕާސްޓާ" އަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ނުލިބުނަސް، އެ ފިލްމް ދަނީ ރިލީޒްވީއްސުރެ ފާޑުކިޔުންތެރިންގެ ތަޢުރީފް ހޯދަމުންނެވެ.
ބޮކްސްއޮފީސްއިންޑިއާ އިން ނެރުނު އެންމެ ފަހު ރިޕޯޓްގައިވާ ގޮތުން އެ ފިލްމަށް ވަނީ ރިލީޒްކުރި ނުވަ ވަނަ ދުވަހު 1.75 ކްރޯޑް ރުޕީސްގެ ފައިދާއެއް ލިބިފައެވެ. އެއީ ބުރާސްފަތި ދުވަހު އެ ފިލްމަށް ލިބުނު ފައިދާއަށްވުރެ 20-25% ގެ ދަށްވުމެކެވެ. މިހާތަނަށް އެ ފިލްމަށް ޖުމްލަ ފައިދާގެ ގޮތުގައި 42.9 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
މި ފިލްމަކީ ބަރޯޑާ އަށް އުފަން އުމުރުން 15 އަހަރުގެ ހުނަރުވެރި އިންސިއާ މަލިކް (ޒައިރާ) ގެ ދިރިއުޅުމުގެ ވާހަކަ ތަމްސީލްކޮށްދޭ ފިލްމެކެވެ.
.
އިންސިއާގެ މަންމަ ވަނީ ގެވެށި އަނިޔާއިން ފުރިގެންވާ ކައިވެންޏެއްގައި ބެދިފަ އެވެ. ގޮންޖެހުންތަކާ އެކު ވެސް އިންސިއާ އޭނާގެ ހުވަފެން ހަޤީގަތަކަށް ހަދައި، އަނިޔާވެރި ބައްޕަގެ ކިބައިން އޭނާގެ މަންމަ ސަލާމަތް ކުރުމަށް މަސައްކަތް ކުރެއެވެ.