ސައުދީ އަރަބިއްޔާގެ ސިނާއީ ސިޓީގައި ޖޭޒް މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މިއުޒިކް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަހަރުގެ ފަހުކޮޅުގައެވެ. އިސްލާމީ ޝަރީއަތް ގާއިމުވެފައި އޮންނަ ސައުދީ އަރަބިއްޔާއަކީ މިއުޒިކާއި ނެށުން ފަދަ ކަންތަކަށް ފުރުސަތުދޭ ގައުމެއް ނޫނެވެ.
ނަމަވެސް މިއަހަރު ޖެނުއަރީ މަހުގައިވެސް އަރަބި ލަވަ ގެނެސްދިން މިއުސިކް ފެސްޓިވަލެއް ވަނީ ޖިއްދާގައި ބާއްވާފައެވެ. ރަސްގެފާނުގެ ދަރިކަލުން، މުޙައްމަދު ބިން ސަލްމާން ގައުމުގެ ވަލީއުލް އަހުދުގެ ގޮތުގައި ހަމަޖެއްސި ފަހުން ސައުދީ އަރަބިއްޔާގެ ސިޔާސަތުތައް އަންނަނީ ބަދަލުކުރަމުންނެވެ.
އޭނާ ދެކޭ ގޮތުގައި ސައުދީގެ ދުވަސްވީ ތެލުގެ ވިޔަފާރި ނިމުމަކަށް އައުމަށް ކައިރިވެފައިވާއިރު ގައުމު ކުރިއަރާނީ ފަތުރުވެރިކަން ފުޅާކޮށްގެންނެވެ. އަދި އެކަން ކުރުމަށް މިއުޒިކާއި ހުޅަނގުގެ އާދަތައް ގެނައުމަކީ މުހިންމު ކަމެއް ކަމުގައި މުހައްމަދު ދެކެއެވެ.
ސައުދީއިން ވަނީ ދާދި ފަހުން އަންހެނުންނަށް އެގައުމުގައި ދުއްވޭ ގޮތަށް ހަދާފައެވެ. އަދި ސައުދީއަކީ ތަފާތު ދީންތަކަށް އުޅެވޭ ގައުމަކަށް ހެދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.