Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަނބިމީހާ ގުރުބާން ކުރަން ހެޔޮނުވާނެ: މޫސަ

އަމިއްލަ ބޭނުމަކަށްޓަކައި އަނބިމީހާ ޤުރުބާން ކުރުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ޕީޕީއެމްގެ ކަނބަލުންގެ މަހާސިންތާ ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޫސަ ވިދާޅުވީ އަމިއްލަ އެދުމަށްޓަކައި ދަރިންނާއި މައިންބަފައިން އަދި އަނބިމީހާ ޤުރުބާންކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"ތިމާގެ އަމިއްލަ ބޭނުމަށްޓަކައި ތިމާގެ އަނބިމީހާ ގުރުބާން ކުރުމަކީ އެއީ ކުރަންވާވަރުގެ ހެޔޮވާވަރުގެ ކަމެއް ނޫން."

ނުސީދާ ގޮތެއްގައި ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ޚިދުމަތް ކޮށްދީފައި ތިބޭ މީހުންނާ ދޭތެރޭ ކަންތައް ކުރެވިގެންދާ ގޮތް އެމީހުންނަށް ވެސް ނޭނގޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އާއި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މޫސަ ވަނީ ފަސްޓް ލޭޑީ އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

އެގޮތުން އަތޮޅު ތެރެއަށް ވަޑައިގެން ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތުގެ ބޮޑު ބައެއް ހިނގަމުންދާ ގޮތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވާ ރައްޔިތުން ދެކޭ ގޮތް އޮޅުންފިލުއްވަނީ ފަސްޓް ލޭޑީ ފާތުން ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.