އައްޑޫގައި ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ)ގެ އެންމެ ހާއްސަ އިވެންޓްކަމަށްވާ "ސަޓާ ގާލާ އެވޯޑް" މިރޭ އީކުއޭޓަރ ވިލެޖްގައި 8:30 ގައި ފަށާނެއެވެ.
ދެކުނު އޭޝިއާގައި ބާއްވާ އެންމެ ޝަރަފްވެރި އެވޯޑު ހޯދުމަށް ދުނިޔޭގެ މަޝްހޫރު އެތައް ހޮޓެލް ޗެއިނަކުން ކުރަމުން އައި އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެއެވެ.

އޭޝިއާގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން 450 ކުންފުނިން ވަނީ ސަޓާއަށް ނޮމިނޭޓް ވެފައެވެ. މިފަހަރުގެ ސަޓާގައި 10 ސެގްމަންޓަކުން 34 ކެޓަގަރީއެއް ވެ އެވެ. މި ކެޓަގަރީތަކަށް ނަން މަޝްހޫރު ބްރޭންޑްތައް ވަނީ ނޮމިނޭޓް ވެފައެވެ.
ސަޓާ އެވޯޑްސްގެ ހަަރަކާތްތައް އިއްޔެ ހަވީރު 4އިން ފެށިގެން ކުރިއަށްދާ އިރު އިއްޔެ ކުރިއަށް ދިޔައީ "އޮޕޮޗުނިޓީ އެންޑް ކޮންވަޒޭޝަން" ސެޝަނެކެވެ.

މި އެވޯޑަށް ދެކުނު އޭޝިއާގެ އެކި ގައުމުތަކުން އައްޑޫއަށް ޒިޔާރަތް ކުރި 400 އެއްހާ މެހްމާނުންގެ ޝަރަފުގައި މިއަދު ހެނދުނު އޮތީ އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކުރި "އައިލެންޑް ފެސްޓިވަލް"އެވެ.
މި ފެސްޓިވަލަަށް ބޮޑު ތަރްހީބެއް ލިބިގެން ގޮސްފައިވާ އިރު މުޅި އިވެންޓުން އައްޑޫގެ އެހާރާއި މިހާރުގެ އާދަކާދަ އާއި ސަގާފީ ވައްޓަފާޅި ވަނީ ފެނިގެން ގޮސްފައެވެ.
ތިން ދުވަހަށް ކުރިއަށް ގެންދާ މި އިވެންޓްގެ އެންމެ ހާއްސަ އިވެންޓަކީ މިރޭގެ އެވޯޑް ހަފްލާއެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒްއިން އިންތިޒާމް ކުރާ މިހަފްލާގެ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމަކޮށެވެ. މިއީ އައްޑޫގައި މިފަދަ ބައިނަލް އަގްވާމީ އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ހަރަކާތެކެވެ.