Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ކުރިއަށް އޮތް ޖީލުތަކަށް ވެށި ހިމާޔަތް ކުރަން ޖެހޭ: މައުމޫން

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ކުޅި ސަރަހައްދު - ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

ތިމާވެށި ނެތި ފަނާކޮށްލުމަށް ޖާގަ ނުދީ، އަންނަން އޮތް ޖީލުތަކަށް ވެށި ހިމާޔަތް ކުރުމަކީ އަހަރެމެން އެންމެންގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ކުޅި ހިއްކައި، އެއާޕޯޓު އެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް ކުރި ޓުވީޓެއްގައެވެ.

ކުޅުދުއްފުށި ކުޅީގެ 9 ވަރަކަށް ހެކްޓަރު ހިއްކުމަށްފަހު އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އޭގެ ސަބަބުން ރަށަށް ކުރާނެ ނޭދެވޭ އަސަރުތައް އެތައް ބަޔަކު އަންނަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހެދި ރިޕޯޓުންވެސް ކުޅި ހިއްކައިގެން ލިބޭނެ އަސަރުތައް ބަޔާންކޮށް، އެކަން ނުކުރުމަށް ގޮވާލާފައިވެއެވެ.

ނަމަވެސް ސަރުކާރުން ކުޅި ހިއްކައި އެއާޕޯޓުގެ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އަދި އެރަށު ރައްޔިތުންވެސް ވަނީ ކުޅި ހިމާޔަތް ކުރުމަކަށް ސަމާލުކަމެއް ނުދޭ ކަމަށް ބުނެފައެވެ. ބައެއް މީހުން ބުނެފައިވަނީ ބިން ކެނޑުމަށްވެސް ކުޅި ހިއްކުމަށް ތާއީދު ކުރާ ކަމަށެވެ.

ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ކުޅި ހިއްކައިގެން ވިޔަސް ތަރައްގީ ގެނައުމަށް އެއާޕޯޓެކެވެ. އެއިން ރަށަށް ލިބޭނެ ހީނަރުކަމަށް ވިސްނާފައިވަނީ މަދު ބަޔެކެވެ.