ޕިންކް ރިބަން ރަން-ވޯކް 2017 އައްޑޫގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ހިތަދޫއާއި މަރަދޫގައި މި ހިނގާލުން ކުރިއަށް ގެންގޮސްފައިވާއިރު ވަރަށް ގިނަ ބަޔަކު ވަނީ ހިނގާލުމުގައި ބައިވެރިވެފައެވެ. ޕިންކް ރިބަން ރަން-ވޯކް އަކީ އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

ކެންސަ ސޮސައިޓީން އިސް ނަގައިގެން ކޮންމެ އަހަރަކުވެސް އޮކްޓޯބަރު މަހު އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބާއްވައެވެ.

ޕިންކް ރިބަން ހިނގާލުމަކީ ކެންސަ ސޮސައިޓީ އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި ހިނގާލުމެކެވެ. މިއަދުގެ ހިނގާލުމުގައި އުރަމަތީގެ ކެންސަރާއި ބެހޭ ބައެއް އާންމު މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
ވެރި ރަށް މާލެ ހިމަނައިގެން ރާއްޖޭގެ 30 ރަށެއްގައި މިއަދު ކުރިއަށް ދިޔަ މި ހިނގާލުމަށް ގިނަ ބަޔެއްގެ ތަރުހީބާއި ބައިވެރިވުން ވަނީ ލިބިގެން ގޮސްފައެވެ.