Last Updated: June 21, 13:41
Sunday, June 21, 2026
ޚަބަރު

ސަޓާގެ ގިނަ އެވޯޑްތައް މި ފަހަރު ވެސް ރާއްޖެއަށް

ސަޓާ އެވޯޑު ދިނުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ/ ޑިޖިޓަލް ސްޓޫޑިއޯ

ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ)ގެ ފަހުރުވެރި ގިނަ އެވޯޑްތައް ރާއްޖޭގެ އެކި ބްރޭންޑް ތަކުން ހާސިލްކޮށްފިއެވެ.

ގަމުގެ އީކުއޭޓަރ ވިލެޖްގައި ރޭ ކުރިއަށް ގެންދިޔަ ސަޓާ ގާލާ އެވޯޑް ހަފްލާގައި ދެކުނު އޭޝިއާގެ މަޝްހޫރު ބްރޭންޑްތައް ބައިވެރިވެފައިވާ އިރު އޭގެ ތެރެއިން 450 ފަރާތެއް ވަނީ އެވޯޑަށް ނޮމިނޭޓްވެފައެވެ.

މިފަހަރުގެ އެވޯޑުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި ނޭޕާލާއި ބޫޓާނުން ވަނީ ބައިވެރިވެފައެވެ.

ރޭގެ ހަފްލާގައި ރާއްޖެއަށް ވަނީ 31 އެވޯޑެއް ލިބިފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 18 އެވޯޑެވެ.

ސަޓާ އެވޯޑު ދިނުމުގެ ހަފްލާގެ ތެރެއިން– ފޮޓޯ/ ޑިޖިޓަލް ސްޓޫޑިއޯ

އެގޮތުން ރާއްޖެއިން ވަނީ ވިޒިޓާޒް ޗޮއިސް ލީޑިން ބީޗު ޑެސްޓިނޭޝަން އެވޯޑާއި ލީޑިން ޑައިވިން ޑެސްޓިނޭޝަންގެ އިތުރުން ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑް ހާސިލްކޮށްފައެވެ.

ރާއްޖެއިން އެވޯޑް ހޯދި ކެޓަގަރީތައް:

* ވިޒިޓާސް ޗޮއިސް: ލީޑިން އެއާޕޯޓް ލައުންޖަކަށް ވީއައިއޭގެ ލިލީ ލައުންޖު.
* ލީޑީން މާކެޓެޑް ހޮޓެލް/ރިސޯޓަކަށް އަދާރަން ރިސޯޓްސް.
* ލީޑިން ބީޗް ހޮޓެލް/ރިސޯޓަކަށް ސަމާ އައިލެންޑް މޯލްޑިވްސް
* ލީޑިން ޑިޒައިނާ ހޮޓެލް/ރިސޯޓަކަށް ކޮކޫން މޯލްޑިވްސް
* ލީޑިން ލަގްޒަރީ ހޮޓެލަކަށް ސޮނޭވާ ޖާނީ
* ލީޑިން ރޮމޭންޓިކް ހޮޓެލް/ރިސޯޓަކަށް ޖުމައިރާ ވިޓަވެލި
* ލީޑިން ފެމެލީ ހޮޓެލް/ރިސޯޓަކަށް ސަން އައިލެންޑް ރިސޯޓު
* ލީޑިން ގެސްޓްހައުސް/ޓޫރިސްޓު އިން އެވޯޑު ހާސިލު ކުރީ ރާއްޖޭގެ ރެވެރީސް ޑައިވިން ވިލެޖް
* ލީޑިން ބްކެޓް ހޮޓެލް/ރިސޯޓަކަށް އަމިއްލަ ފުށި
* ލީޑިން ޓްރެވަލް އެޖެންޓަކަށް ވޮޔޭޖަސް މޯލްޑިވްސް
* ލީޑިން ލިވާބޯޑް އެވޯޑު ސްކޫބާ ސްޕާ ޔަންގް މޯލްޑިވްސްއަށް
* ލީޑިން ޑައިވް ހޮޓެލް/ރިސޯޓް އަދާރަން ސެލެކްޓް މީދުއްޕަރު
* ލީޑިން ލިވަބޯޑް ބްރޭންޑަކަށް ވޮޔޭޖަސް މޯލްޑިވްސް
* ލީޑިން ޑޮމެސްޓިކް ޓޫރިސްޓު ޕްރޮވައިޑާއަކަށް މޯލްޑިވިއަން
* ލީޑިން ޓުއާ އޮޕަރޭޓާއަކަށް އިނާ މޯލްޑިވްސް ހޮލިޑޭސް
* ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރަކަށް ބެސްޓް ޑައިވްސް މޯލްޑިވްސް
* ލީޑިން ވެލްނަސް އެންޑް ސްޕާ ހޮޓެލް/ރިސޯޓަކަށް ހޮވުނީ ޖުމެއިރާ ވިޓަވެލި
* ލީޑިން އޯލް އިންކުލޫސިވް ހޮޓެލް/ރިސޯޓަކަށް ރާއްޖެއިން ލަކްސް މޯލްޑިވްސް
* ލީޑިން ސާފް ހޮޓެލަކަށް ސިނަމަން ދޮންވެލި
* ލީޑިން ވެލްނަސް އެންޑް ސްޕާއަށް ރާއްޖެއިން ހޮވުނީ އަރާމު ސްޕާ
* ލީޑިން އެއާޕޯޓް ހޮޓެލަކަށް ހުޅުލެ އައިލެންޑް ރިސޯޓެވެ

ތިން ދުވަހުގެ މުއްދަތަށް އައްޑޫގައި ކުރިއަށް ގެންދާ ސަޓާ އެވޯޑް ހަފްލާގެ ފުރަތަމަ އިވެންޓް ބާއްވާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ހަވީރުއެވެ. އީކުއޭޓަރ ވިލެޖްގައި އެދުވަހު ބޭއްވީ "އޮޕޮޗުނިޓީސް އެންޑް ކޮންވަޒޭޝަން" ސެޝަނެކެވެ.

އޭގެ ފަހުން އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ވަނީ "އައިލެންޑް ފެސްޓިވަލް"ގެ ނަމުގައި އައްޑޫގެ އެހާރާއި މިހާރުގެ އާދަކާދަ އާއި ސަގާފީ ވައްޓަފާޅި ދައްކުވައިދޭ މައުރަޒެއް އެވޯޑަށް އައްޑޫއަށް ޒިޔާރަތް ކުރެއްވި ފަރާތްތަކުގެ ޝަރަފްގައި ބާއްވާފައެވެ.

މަރަދޫ ކުޑަކުދިންގެ ޕާކްގައި ބޭއްވި މި އިވެންޓަށް ބޮޑު ތަރްހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

ސަޓާ އެވޯޑް ހަފްލާއަށް ފަހު މިއަދު އޮންނާނީ "ރިމެމްބަރިން އައްޑޫ" ގަސް އިންދުމުގެ ހަރަކާތެެކެވެ. މިއީ މި އިވެންޓަށް އައްޑޫއަށް ޒިޔާރަތް ކުރި ފަރާތްތަކުން އައްޑޫގެ ތިމާވެށި ދެމެހެއްޓުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ހަނދާނީ ހަރަކާތެކެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒުން އިންތިޒާމް ކުރި ސަޓާ އެވޯޑަށް އައްޑޫ ރައްޔިތުންގެ ފަރާތުން ބޮޑު ތަރްހީބެއް ވަނީ ލިބިގެން ގޮސްފައެވެ. މިއިވެންޓުން އައްޑޫގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ހައިރައިޒުން ބުނެއެވެ.