ރައީސް އަބްދުﷲ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބް ކާމިޔާބްކޮށްދިނުމަށް މަސައްކަތް ކުރުމަކީ ދީނީ މަސައްކަތެއް ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ އަދި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
"ކަނަބަލުންގެ މަހާސިންތާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން އިންތިހާބް ކުރުމަށް މަސައްކަތް ކުރުމަކީ ދީނީ މަސައްކަތެއް ކަމަށާއި އެގޮތަށް ވިދާޅުވުމުން ބަޔަކު ހަޖޫޖެހިއަސް އެއީ މައްސަލައެއްކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ގައުމަށް ތަރައްޤީ ގެނެސް ދެއްވައިފި ކަމަށާއި އެކަމާއި ފަހްރުވެރިވާ ކަމަށެވެ. އަދި އެމަނިކުފާނާއި ދެކޮޅަށް ނިކުންނަވާ އިދިކޮޅު ފަރާތްތަކުން އޮއްޓަރެއް ހުރި ވާހަކައެއް ނުދެއްކޭ ކަމަށެވެ.
އެއާޕޯޓްގެ ތެރައްޤީ އާއި މާލެ/ ހުޅުމާލެ ބްރިޖާއި އައިޖީއެމްއެޗްގެ 25 ބުރި އިމާރާތަށް އަލި އަޅުއްވައި އަދުރޭ ވިދާޅުވީ މިއީ ރައީސް ޔާމީން ގައުމަށް ގެނެސްދެއްވާ ތަރައްޤީ ކަމަށެވެ.
އަދުރޭ ގެންދަަވަނީ ރައީސް ޔާމީނަށް ތަފާތު އެކި ގޮތް ގޮތުން ތައުރީފް ކުރައްވަމުންނެވެ. އެގޮތުން މިއަހަރު ފެބްރުއަރީ މަހު އަދުރޭ ވިދާޅުވީ ގާނޫނު ބަދަލުކޮށްގެން ނަމަވެސް ރައީސް ޔާމީން އިންތިހާބް ކުރާނެ ކަމަށެވެ. އަދި ޔާމީން ވެރިކަމަށް ގެނައުމަކީ ގައުމީ ކަމެއްކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.