Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ވޯޓް ބޭނުން ނަމަ އަނަސްއަށް އިންސާފު ހޯދައިދީ: އަމީތު

ރ. މީދޫން ޕީޕީއެމްއަށް ވޯޓު ދޭން ބޭނުންނަމަ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އަނިޔާވެރިކޮށް މަރާލި ރ. މީދޫ، ފެންފިޔާޒްގެ، މުހައްމަދު އަނަސް މެރުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް އަމީތު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މީދޫ ރައްޔިތުން ރައީސް ޔާމީންގެ ސަރުކާރަށް އަނަސް މަރާލި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް "ޑިމާންޑު" ކުރާ ކަމަށެވެ.

މީދޫ ރައްޔިތުންނަށް ހަމައެކަނި ބަޔަކު ހައްޔަރުކުރުމުން ނުފުދޭ ކަމަށާއި، ކުށެއް ނެތް ޒުވާނެއްގެ ފުރާނަ ދުއްވާލުމުން ގާތިލުންނަށް ލިބެން ޖެހޭ ހައްގު އަދަބު ލިބުމަށް މީދޫ ރައްޔިތުން އެދޭ ކަމަށް އަމީތު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ އިންސާފު ހޯދުމަށް މަރަށް މަރު ހިފުން ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.

އަނަސްގެ އާއިލާއިން މީގެ ކުރިންވެސް ވަނީ މިސަރުކާރުން އަނަސްއަށް އިންސާފު ހޯދައި ދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެފައެވެ. އެއީ މީގެ ކުރިންވެސް މިފަދަ ބޮޑެތި މާރާމާރީގައި ޒުވާނުން މަރުވެ ގޮސްފައިވާއިރު މިއަދާ ހަމައަށްވެސް އެއްވެސް މަރަކަށް އިންސާފު ލިބިފައިނުވާތީ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވާއިރު އެންމެ ފަހުން އެކަމާ ގުޅިގެން ހޯމް މިނިސްޓަރު، އަޒްލީން ވިދާޅުވެފައިވަނީ އެކަން ނުކުރެވިގެން އުޅެނީ ގާނޫނީ ގޮތުން ދިމާވާ ތަކުލީފުތަކެއްގެ ސަބަބުން ކަމަށެވެ.