Last Updated: June 21, 13:30
Sunday, June 21, 2026
ޚަބަރު

މާލޭން ގޯއްޗެއް ގަތީމާ ހައިރާންވާކަށް ނުޖެހޭ: ފަލާހް

އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރ ފަލާހު، ފޮޓޯ: ޓްވިޓަ

މާލެއިން ގޯއްޗެއް ގަތުމުން ސުވާލު އުފައްދައި ހައިރާންވާންޖެހޭ ސަބަބެއް ނެތް ކަމަށް އިނގުރައިދު ދާއިރާގެ މެމްބަރ އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މާލެއިން 1000 އަކަ ފޫޓް ބިމެއް ގަތުމާއި ގުޅިގެން ފަލާހު މީޑިއާއަށް ވިދާޅުވީ އުމުރުން 16 އަހަރުން ފެށިގެން މަސައްކަތުގެ ދާއިރާއަށް ނިކުމެފައިވާ ކަމަށާއި މަޖްލިސްއަށް އިންތިހާބްވިއިރުވެސް މިލްކިއްޔާތުގައި 50 މިލިއަން ރުފިޔާގެ ދެ ސަފާރީ އޮންނަ ކަމަށެވެ.

ފަލާހް ވިދާޅުވީ މާލެއިން އަންނަ އަހަރު އިތުރު 4000 އަކަފޫޓްގެ ގޯއްޗެއް ބައްލަވައިގަތުމަށް ވިސްނަމުން އަންނަ ކަމަށެވެ.

ފަލާހު ވިދާޅުވީ މާލެއިން ބައްލަވައިގަތް އަލްހަދީދް ގޭގެ މިލްކުވެރިކަން ބުރާސްފަތި ދުވަހު ނިމުމާއި އެކު ހޮނިހިރު ދުވަހު އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މަށަކީ ކާކުކަން ނޭނގޭ މީހުން އަޖައިބުވެގެން އުޅެނީ މާލެއިން ގޯއްޗެއް ގަނެގެން، ރަނގަޅަށް މަ އެނގޭ މީހުން ބުނާނެ އެ ސޮރަކީ މަސައްކަތް ކޮށްގެން ލާރި ހޯދާ ސޮރެކޭ،" ފަލާހު ވިދާޅުވި އެވެ.

ފަލާހް އަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބޯޓު ޑިޒައިން ކުންފުނި ކަމަށްވާ މެރިން ޑިޒައިން މޯލްޑިވްސްގެ ވެރިޔާއެވެ.

ފަލާހު ބައްލަވައިގަތް ގޯތީގެ އަގާއި މެދު މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ.