Last Updated: June 29, 02:43
Sunday, June 28, 2026
މުނިފޫހިފިލުވުން

"މަނިކަރްނިކާ" ގެ ޝޫޓިން އަލުން ފަށައިފި

ދިވާލީ ބްރޭކްގައި މަނާލީ ގައި އާއިލާއާއި އެކު ޗުއްތީ ހޭދަކޮށްލުމަށްފަހު ކަންގަނާ ރަނައުތު އޭނާގެ ތާރީޚީ ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ މިހާތަނަށް ކަންގަނާ އޭނާގެ މުޅި ހަޔާތުގައި ވެސް ކުޅޭ އެންމެ ބޮޑު އެއް ފިލްމެވެ. މި ފިލްމްގެ ޝޫޓިން ކުރިއަށްދާ މަންޒަރު ފެންނަ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.

އެގޮތުން ދާދިފަހުން ރިލީޒް ކުރެވުނު ފޮޓޯތަކަކުން ވަނީ ފިލްމްގައި ކަންގަނާގެ ކެރެކްޓާ ދައްކާލާފައެވެ. އެ ފޮޓޯތަކުގައި ކަންގަނާ ހުރީ ރަނާއި މުށި ކުލައިގެ ސާރީއެއް އަޅައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން ކަންގަނާ ވަރަށް އަވަހަށް ޖެއިޕޫރް ސިޓީގެ މަޝްހޫރު ނަހަރްގަރް ފޯޓް އާއި ޖެއިގަރް ފޯޓްގައި ފިލްމެ އެންމެ މުހިންމު އެއް މަންޒަރު ކަމަށްވާ ހަނގުރާމައިގެ ސީންގެ ޝޫޓިން ކުރާނެއެވެ.

އިންޑިއާގައި އުފަންވި އެންމެ ކުޅަދާނަ އެއް އަންހެން ކަނބަލެއް ކަމަށްވާ ރާނީ ލަކްޝީބާއިގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 27 އޭޕްރީލް 2018 ގައެވެ.