ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަދިވެސް ހުންނެވީ ޕީޕީއެމްގެ ފިކުރުގައި ކަން ހާމަކޮށްފިއެވެ.
ޕީޕީއެމް ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދިވެސް ހުންނެވީ ޕީޕީއެމްގެ ފިކުރުގައި އެޕާޓީގެ މެންބަރުންނާއި އެކުގައެވެ.
ޕީޕީއެމްގެ 6 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރެއްވި ޓްވީޓްގައި ޑރ.ޖަމީލު ވަނީ ޕީޕީއެމްގެ ހީވާގި އެންމެހާ މެމްބަރުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި އެ ތަހުނިޔާގެ މެސެޖާއި އެކު ޑރ ޖަމީލްވަނީ އެމަނިކުފާނާއި ރައީސް ޔާމީނާއި ދެބޭފުޅުންގެ އަތްޕުޅުގައި ޕީޕީއެމްގެ އިންތިޚާބީ ރައީސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ހިއްޕަވައިގެން ހުންނެވި ފޮޓޯއެއްވެސް ޓްވީޓްކުރައްވާފައެވެ.
PPM ge 6 vana aharee dhuvahu ge thahniyaa enmehaa heevaagi membarunnah dhannavan. PPM ge siyaasee fikurugai membarunnnai eku! pic.twitter.com/wNrJy8gHT0
— Mohamed Jameel Ahmed (@MJameelAhmed) October 28, 2017
ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއްބޭފުޅަކީ، 2013ގެ އިންތިހާބުގައި ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ.ޖަމީލެވެ.
އެހެން ނަމަވެސް ނައިބު ރައީސްކަމުގައި ޑރ ޖަމީލަށް 2 އަހަރުވެސް ފުރިހަމަ ނުކުރެއްވެނީސް އިތުބާރު ނެތްކަމަށް ބުނެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އިސްނަގައި، ޑރ ޖަމީލު ވަނީ މަޤާމުން ވަކިކޮށްފައެވެ.
އޭގެ ފަހުން ޑރ.ޖަމީލް ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ. ޑރ. ޖަމީލަކީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ލީޑަރެވެ.