ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ އަހަރު ނިމެން ކައިރިވެފައިވަނިކޮށް މިއަދު ހަވާލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ފޮނުވާފައިވާކަން މިއަދު ހާމަކޮށްފައެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓަރު ވަނީ މިމަހުގެ 22 ވަނަ ދުވަހު ހުރިހާ ޕާޓީތަކަށް ފައިސާ ފޮނުވިކަމަށް ވިދާޅުވެފައެވެ.
އިދިކޮޅު އެމްޑީޕީން އެވާހަކަ ދޮގުކޮށްފައިވާއިރު އެމްޑީޕީން މައުލޫމާތު ދީފައިވަނީ މިނިސްޓަރު ވިދާޅުވި ދުވަހު ފައިސާ ޖަމާކޮށްފައިނުވާ ކަމަށެވެ. އަދި ފައިސާ ޖަމާކުރުމަށްފަހު އެކަން މިނިސްޓްރީންވެސް އަދި އިލެކްޝަންސް ކޮމިޝަނުންވެސް ޕާޓީއަށް އަންގާފައިނުވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ޕީޕީއެމަށެވެ. ވެރިކަން ކުރާ ޕާޓީއަށް 10 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެވަނައަށް މިހާރު އެންމެ ބޮޑު ޕާޓީ، އިދިކޮޅު އެމްޑީޕީއަށް ވަނީ 7.4 މިލިއަން ރުފިޔާ ލިބިފައެވެ.
އިދިކޮޅު އިއްތިހާދުގައި ހަރަކާތްތެރިވާ ޖޭޕީއަށާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއަށް ވެސް ލިބިފައިވަނީ 2.7 މިލިއަން ރުފިޔާއެވެ.