Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވަން ކޯޓަށް

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ކުޅި ސަރަހައްދު - ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެރަށުގެ ކުޅި ހިއްކުމަށް ނިންމައި އަންނަ ހަފްތާ ތެރޭ އެކަމަށް ތައްޔާރުވަމުން ދަނިކޮށް އެރަށުގެ ރައްޔިތަކު ކުޅި ހިއްކުން ހުއްޓުވުމަށް އަމުރު ނެރެދިނުމަށް އެދި ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި ކުޅި ހިއްކުން ހުއްޓުވުމަށް އެދި ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ އެރަށުގެ މުޙައްމަދު އާދަމް ނަމަކަށް ކިޔާ މީހެކެވެ.

އާދަމް މިމައްސަލަ ކޯޓަށް ހުށައެޅި ނަމަވެސް ކޯޓުން އަދި މައްސަލަ ބަލައިގެންފައިވާ ކަމެއް ސާފުވެފައެއް ނުވެއެވެ. ކުޅުދުއްފުށީގެ ވަރަށް ގިނަ ރައްޔިތުން އެއާޕޯޓު އެޅުމަށް ބޭނުންވާ ކަމަށް ބުނެ ޚިޔާލުފާޅުކުރަމުންދާ މިދަނޑިވަޅުގައި ގިނަ މީހުން ތިބީ ކުޅި ހިއްކައިގެންވެސް ތަރައްގީ ގެނައުމަށް އެއާޕޯޓު އެޅުމަށް ތާއީދުކޮށްގެންނެވެ.

ކުޅި ހިއްކުމުގެ ބަދަލުގައި ރަށުގެ އެހެން ތަނެއްގައި އެއާޕޯޓު އެޅުމަށްވެސް އެއްބަޔަކު ވަކާލާތުކޮށް އަޑުއުފުލަމުންދާއިރު ބައެއް މީހުން ތިބީ ބިން ކެނޑުމަށްވެސް ކުޅި ހިއްކުމަށް ގޮވާލަމުންނެވެ.

ކުޅުދުއްފުށީ ކުޅިއަކީ އެސަރައްދުގައިވެސް އޮތް އެފަދަ އެންމެ ބޮޑު ކުޅިއެވެ. ކުޅި ހިއްކުމުން ރަށަށް ކުރާނެ ނޭދެވޭ އަސަރު ރަށު ރައްޔިތުންނަށް އަންދާޒާ ކޮށްދޭން އެތައް ބަޔަކު މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރަށުގެ ގިނަ ރައްޔިތުން ތިބީ ތަރައްގީގެ ނަމުގައި ވެށި ހަލާކުކޮށްލުމަށް "އާނ ބަސް" ބުނެގެންނެވެ.