Last Updated: April 26, 18:07
Friday, April 26, 2024
ކޮލަމް

އަޅުގަނޑުގެ ރިއާސީ ވައުދު (ދެވަނަ ބައި)

އަޅުގަނޑަށް ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާކަން ލިބިއްޖެނަމަ އަޅުގަނޑު ފުއްދައިދޭނެ ކަމަށް ބުނާ ގިނަ ވައުދުތަކެއް އެބަ ހުއްޓެވެ. މިއީ އެވައުދުތަކުގެ ތިންބައިގެ ތެރެއިން ދެވަނަ ބައެވެ. ފުރަތަމަ ބައިގެ ހަ ވައުދު އަޅުގަނޑުވީމެވެ.

7- އަޅުގަނޑުގެ ހަތްވަނަ ވައުދަކީ ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑުތަން ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމެވެ. އެގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ކުރާނެ ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އިން 50 އަށް ތިރިކުރުމެވެ. މީގެ ސަބަބުން އަހަރަކު 33 މިލިއަން ރުފިޔާ ދައުލަތަށް ސޭވް ކުރެވޭނެއެވެ. ހަމަ އެއާއި އެކު ކޮންމެ ތިން ހާސް މީހަކަށް މެމްބަރަކު އޮންނަ އޮތުން 5000 އަށް މަތިކުރާނަމެވެ.

ޚަރަދު ކުޑަކުރުމުގެ އަނެއް ފިޔަވަޅެއްގެ ގޮތުން 942 ރަށު ކައުންސިލަރުންގެ އަދަދާއި، 132 އަތޮޅު ކައުންސިލަރުންގެ އަދަދާއި، 17 ސިޓީ ކައުންސިލަރުންގެ އަދަދު ދެބައިކުޅައެއްބަޔަށް ދަށްކުރާނަމެވެ. މިހާރު އޮތްގޮތުން ރާއްޖޭައި ރަށުފެންވަރުގައާއި، އަތޮޅު އަދި ސިޓީ ފެންވަރުަގއި ޖުމްލަ 1091 ކައުންސިލަރުން މުސާރަ ލިބޭގޮތަށް އެބަތިއްބެވެ. މިއަދަދު ގިނަވެގެން ހަ ސަތޭކައަށް ދަށްކުރެވިދާނެއެވެ.

އަދި ކައުންސިލްތަކުގެ ރައީސުންނާއި ނައިބް ރައީސުން ފިޔަވައި ދެން ތިއްބަވާ ކައުންސިލަރުންނަށް މަހު މުސާރައިގެ ބަދަލުގައި ކޮންމެ ޖަލްސާއަކަށް ވަކި އުޖޫރައެއް ލިބޭގޮތަށް އަޅުގަނޑު ބަދަލުކުރާނަމެވެ.

މި ބަދަލުގެ ސަބަބުން ދައުލަތަށް އަހަރަކު 57 މިލިއަން ރުފިޔާ ސޭވް ކުރެވޭނެއެވެ، އެހެންކަމުން މަޖިލިސް މެމްބަރުންގެ އަދަދު މަދުކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ސަބަބުން ދައުލަތަށް އަހަރަކު 90 މިލިއަން ރުފިޔާ ސޭވްވެގެންދާނެއެވެ.

8- މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންގެ އަދަދު މިހާރަށް ވުރެ ދަށްކޮށް، އެފިޝެންތްކޮށް ތިބޭ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އިނާޔަތްތަށް އިތުރު ކުރާނަމެވެ. ހާއްސަކޮށް ޓީޗަރުންގެ އުޖޫރަ ދެގުނައަށް ބޮޑުކޮށް ތައުލީމީ ދާއިރާ ވަރުގަދަ ކުރާނަމަވެ. މިއީ އަޅުގަނޑުގެ އަށްވަނަ ވައުދެވެ.

ހަމަ އެފަދައިން ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައި، އެތަނަކީ މެޑިކަލް ޓޫރިޒަމަށް ރާއްޖޭގައި ދޮރުތަކެއް ހުޅުވިގެންދާ ފަދަ ފެންވަރު ރަނގަޅު ތަނަކަށް ހަދާނަމެވެ.

9- އަޅުގަނޑުގެ ނުވަވަނަ ވައުދަކީ ރާއްޖޭގައި ބޮޑެތި ކުށްތައް ކުރާ ފަރާތަކުގެ ތެރެއިން މަރަން ހުކުން ކުރާ ފަރާތަކަށް މަރުގެ ހުކުމް ތަންފީޒުކޮށް، ޑްރަގްގެ ވަބާއިން މުޅި ގައުމު އެއްކޮށް ސަލާމަތްކޮށް، ޒުވާނުންނަކީ ގޭންގް ތަކުގެ ބަދަލުގައި ކުޅިވަރު ކްލަބް ތަކަށައި، ތައުލީމުދެ ކޮލެޖްތަކަށާއި، މަސައްކަތުގެ ދާއިރާއަށް ނިސްބަތްވާ ހީވާގި ބަޔަކަށް ހަދާނަމެވެ.

މީގެ އިތުރުން އައްޑޫ ފަދަ އާބާދީ ބޮޑު ސަރަހައްދެއްގައި ފުޓްބޯޅަ އެކަޑަމީއަކާއި އެކު އޭލެވެލް ފެންވަރަށް ކިޔަވައިދޭ ފުޓްބޯޅަ ސެކަންޑަރީ ސްކޫލެއް ގާއިމް ކޮށް ފުޓްބޯޅައިގައި ރާއްޖޭގެ ރެންކިން ސަތޭކަވަނައަށް ވުރެ މައްޗަށް ޖައްސާދޭނަމެވެ.

10- އަޅުގަނޑުގެ 10 ވަނަ ވައުދަކީ ރައްޖޭގެ ޓޫރިޒަމްއަށް ބޮޑެތި ބަަލުތަކެއް ގެނެސް، މިހާރު މިއޮތް ވައްތަރުގެ ޓޫރިޒަމް ހަރުދަނާކުރުމުގެ އިތުރުން، ހަތަރު ބުރިއަށް ވިލާ އަޅާގޮތަށް އައުކޮބންސެޕްޓެއްގެ ރިސޯޓްވެސް ތައާރަފް ކުރުމެވެ. އެގޮތުން އަޅާ ވިލާ ތަކަކީ ޓައިމް ޝެއާ އުސޫލުން ދުނިޔޭގެ މަހުޖަނުން ގަންނަ ތަންތަނުގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ.

އަދި ރާއްޖޭގެ ރީތި ގޮޑުދޮށްތަކުން ދިވެހިންނަށް ހިތްހަމަޖެހުން ލިބޭފަދަ ގޮތަކަށް، ދިވެހި ޓޫރިޒަމް ރިސޯޓްތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ތައާރަފްކުރާނަމެވެ. އެތިން ރިސޯޓް ވެގެންދާނީ ހެޔޮ އަގެއްގައި ދިވެހިންނަށްވެސް ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހޯދައިދޭ ތިން ރިސޯޓަށެވެ.

މީގެ އިތުރުން ގައުމީ ދާރުލް އާސާރަކީ ހެނދުނު 9 އަކުން ރޭގަނޑު 11އަށް ހުޅުވާފައި ހުންނަ ތަނަކަށް ހަދައި، އެތާގައި ދެ ޝިފްޓަށް މުވއްޒަފުން މަސައްކަތް ކުރާގޮތަށް ބަދަލުކުރާނަމެވެ. އެއީ ވީހާވެސް ގިނަ ފަތުރުވެރިންނަށް ދާރުލް އާސާރަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ހަމައެފަދައިން މާލެ އާއި، ރައްޖެގެ އެހެން ރަށްތަކަކީ ފަތުރުވެރިންނަށް މިހާރަށްވުރެ ޝައުގުހުރި ރަށްތަކަކަށް ހެދުމަށްޓަކައި، ގިނަ ކަންތައްތަކެއް ކުރާނަމެވެ. އަދި ޕެސިންޖަރު ލައިނާރ ތަކާއި ލަގްޒަރީ ޔޮޓް ތަކަށް ފަސޭހަވާ ގޮތަށް މަލެ ކަސްޓަމާއި، ޕޯރޓް ހިދަމަތްތަކާއި، އެއާޕޯޓްސް ކަސްޓަމްސްގެ ހިދްމަތްތަކާއި ފީތައް ރަނގަޅުކުރާނަމެވެ.

11- އަޅުގަނޑުގެ އެގަރަވަނަ ވައުދަކީ ވަވު އަތޮޅުގައި ތިބި އާބާދީ މަދު މީސްކޮޅު، ރަނގަޅު އިނާޔަތްތަކާއި އެކު، އެހެން ސަރަހައްދަކަށް ބަދަލުކޮށް، ޑީޕްސީ ޑްރެޖިން ހަދައިގެން މުޅި ވަވު އަތޮޅުއެއްކޮށް ހިއްކާލުމެވެ.

މިގޮތުން ހިއްކާއިރު ކަނޑުގެ ލޮނުގަނޑަށްވުރެ ފަނަރަ ނުވަތަ ވިހި ފޫޓް އުސްކޮށް ހިއްކިއްޖެނަމަ ކުރިމަތިވެދާނެ ސުނާމީއަކުން ނުވަތަ ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކާރިސާއަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެއެވެ.

ބިން ހިއްކުމުގެ މިފަދަ ބިޔަ މަޝްރޫޢުއެއް ވެގެންދާނީ ގާތްގަޑަކަށް އެއްމިލިއަން މީހުން އެއްފަސްކޮށް ސިނާއީ ތަފާތު، ބޮޑެތި މަސައްކަތްތަކެއް ކުރެވޭފަދަ އެއްފަސް ކުރެވިފައިވާ ބޮޑު ބިމަކަށެވެ.

އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކަށް ކުރިއަރައި ، ޖީޑީޕީ އެތައްގުނައަށް އިތުރުވެ، ބޮލަކަށް ޖެހޭ ނިސްބަތް އިންތިހާއަށް މަތިވެގެންދާނެއެވެ.

މިވަރުގެ ބޮޑު މަޝްރޫއެއް ހިންގޭނީ ދުނިޔޭގެ ބިލިއަނުން އިންވެސްޓްކުރާ ފަރާތަކާއި ގުޅިގެންނެވެ. އަދި މީގެ ސަބަބުން ސިންގަޕޫރުފަދަ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް މަގުފަހިވެގެންދާނެއެވެ.