Last Updated: April 25, 10:27
Thursday, April 25, 2024
ޚަބަރު

އޭސީޕީ ޖަމްޝީދު އައްޑޫ ޕޮލިހަށް ބަދަލު ކުރަނީ

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު -- ސަން ފޮޓޯ:

އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މިހާރު ހުންނެވި އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ޕޮލިސްއަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދު މިހާރު ހުންނެވި މަގާމުން ވަކިކޮށް އައްޑޫ ޕޮލިހަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ިދިޔަ ހަފްތާ ތެރޭގައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ނުދެއްވައެވެ.

ޖަމްޝީދު ވަނީ 2015 ވަނަ އަހަރު ޖޫން މަހު ޕޮލިސް އިންޓެލްގެ ވެރިޔާގެ ގޮތުގައި ހަމަޖައްސަވާފައެވެ. ނަމަވެސް އޭގެ ހަތަރު މަސް ފަހުން ޖަމްޝީދު ވަނީ ޕޮލިސް އިންޓެލްގެ ވެރިޔާގެ މަގާމުން ދުރުކޮށްފައެވެ.

ޖަމްޝީދު އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ޖަމްޝީދު އައްޑޫއަށް ބަދަލު ކުރަނީ ރީޖަން ކޮމާންޑްގެ ބަދަލުގައިތޯ ނުވަތަ އައްޑޫ ކޮމާންޑަރަށް ކަން އަދި ސާފެއް ނުވެއެވެ.

މިވަގުތު ސައުތު ރީޖަން ކޮމާންޑަރ އަކީ ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފްއެވެ. އައްޑޫ ސިޓީ ކޮމާންޑަރ އަކީ ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީއެވެ.

ފުލުހުންގެ އިސް މަގާމުތަކަށް ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އޭސީޕީ ނަވާޒުވަނީ ލ. އަތޮޅަށް ބަދަލުކޮށްފައެވެ.