Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ޕީޕީއެމަށް ޚަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން: އިންތި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއިން ބާއްވާ ސިޔާސީ ހަރަކާތްތަކަށް ޚަރަދު ކުރަނީ ސީދާ ސަރުކާރުން ކަމަށްބުނެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފިއެވެ.

މިއަދު މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި މިހެން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ މިއަދު ދޫކުރުމާއި ގުޅިގެންނެވެ. އެގޮތުން ޕީޕީއެމަށް 10 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އިންތި ވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ސަރުކާރުގެ މުވައްޒިފުން ބައިވެރިވާކަންވެސް ފާހަގަކޮށްފައެވެ.

ދާދި ފަހުން ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ބްރޯޑްކޮމްގެ މެމްބަރު، ޒޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. މިނިވަން ކޮމިޝަނެއްގެ ގޮތުގައި އޮންނަން ޖެހޭ ބްރޯޑްކޮމްގެ މެމްބަރަކު ޕީޕީއެމްގެ ޖަލްސާއެއް އިންތިޒާމު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޖަލްސާތަކަށް ދިއުމަށް ސަރުކާރު މުވައްޒިފުންނަށް މަޖުބޫރު ކުރުމާއި ޖަލްސާތަކުގައި ބައިވެރިވުމުން އިތުރުވަގުތުގެ ފައިސާ ލިބޭނެކަމަށްވެސް ސަރުކާރުން ކުންފުނިތަކުގެ މުވައްޒިފުންނަށް ވަނީ އެންގުން އިދިކޮޅު ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އަދި އެމްއާރްޑީސީއާއި ހައުސިން މިނިސްޓްރީގެ ވެހިކަލްތައް މިފަދަ ޖަލްސާތައް ތައްޔާރުކުރުމުގައި ބޭނުން ކުރަނީ ކޮން އުސޫލަކުންތޯ ސޯޝަލް މީޑިޔާގައި އާންމުން ވަނީ ސުވާލު އުފައްދާފައެވެ.