މިދަނޑިވަޅަކީ އެނބުރި ރާއްޖެ ވަޑައިގަންނަން އެހާ ރައްކާތެރި ދަނޑިވަޅެއް ނޫން ކަމަށް ލަންކާގައި ހުންނެވި އިދިކޮޅު ފަރާތްތަކުގެ އިންތިގާލީ ކެންޑިޑޭޓު ކަމަށް އަޑު ފެތުރިފައިވާ ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވެފައިވަނީ ކާނަލް ނާޒިމާއި، ކުރީގެ ރައީސް ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދޭތެރޭ މިސަރުކާރުން ކަންތައް ކުރި ގޮތުން އޭނާއަށްވެސް މިވަގުތު އެނބުރި މާލެ ވަޑައިގެންފިނަމަ އެހާ ރައްކާތެރިކަމަށް ނުބެލެވޭ ކަމަށެވެ.
ސަރުކާރުން އޭނާއަށް ފުރިހަމަ ރައްކާތެރިކަން ޔަގީންކޮށްފިނަމަ އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށާއި ސަރުކާރުން ކުރިމަތި ކޮށްފާނެ ފިއްތުންތަކަށް ބިރެއް ނުގަންނަ ކަމަށްވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުގެ މެދުގައި މިހާރު ވަރަށް މަގުބޫލުވެފައިވާ ޝަޚުސިއްޔަތަކަށް ފުއާދު ތައުފީގް ވެފައިވާއިރު ސޯޝަލް މީޑިޔާގައި ނެގި ޕޯލަކުންވެސް އޭނާ ވަނީ އިންތިގާލީ ކެންޑިޑޭޓުގެ ގޮތުގައި ވޯޓުގައި ބައިވެރިވި އެންމެ ގިނަ ބަޔެއްގެ ވޯޓުން ކާމިޔާބުކޮށްފައެވެ.
ނަމަވެސް ފުއާދު މިކަމާ ގުޅޭގޮތުން މިހާތަނަށް ހާމަކޮށްފައިވަނީ އެއްވެސް ފަރާތަކުން އިންތިގާލީ ކެންޑިޑޭޓަށް ވުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ލީޑަރުން އެދިވަޑައިގެންފިނަމަ އިންތިގާލީ ކެންޑިޑޭޓުގެ ގޮތުގައި ނިކުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.