Last Updated: June 17, 08:08
Wednesday, June 17, 2026
ސިޔާސީ

ހުވަދޫގައި ތިން ވަނަ އެއާޕޯޓެއް ވެސް އަޅާނެ: އައިބީ

ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވާ ތަރައްގީގެ ދަށުން ގ.އ އަދި ގ.ދ، ދެ އަތޮޅު ދެކޮޅުގައި ދެ އެއާޕޯޓު އޮތްވާ މިހާރު އަނެއްކާ ތިންވަނަ އެއާޕޯޓު އެޅުމަށްވެސް ވިސްނަމުންދާ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޗެނެލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ކުޑަވެފައި އޮތް ދުނިޔެ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ބޮޑެތި އަތޮޅުތަކުގައި ދެ އެއާޕޯޓު އޮތްވާ އެވަރުންވެސް ނުވެގެން ތިންވަނަ އެއާޕޯޓުވެސް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިއީ ތަރައްގީ ނޫންތޯ އައިބީ ވަނީ ސުވާލު އުފައްދާފައެވެ.

"ކުރު މުސްތަގުބަލެއްގައި ކުޅުދުއްފުށި އެއާޕޯޓަށްވެސް ޔޫރަޕުންނާއި ތަންތަނުން މީހުން އައިސް ޖައްސާނެ. މިއީ ނޫންތޯ ތަރައްގީއަކީ؟"

ރައީސް ޔާމީން ގެނެސްދެއްވާ ތަރައްގީ ފެނުމުން އިދިކޮޅު ފަރާތްތަކުން އަނެއްކާ އިތުރު ދޮގުތަކެއް ހަދަމުން އަންނަ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ކަމަކީ އަބަދުވެސް ދޮގު ހަދާ އޮޅުވާލުން ކަމަށްބުން އައިބީ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުކިޔާފައެވެ.

ކުޅުދުއްފުއްޓަށް ގެންނަން އުޅޭ ތަރައްގީ ހުއްޓުވުމަށް ކުޅި ހިމާޔަތްކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ މުޅިންވެސް މިސަރުކާރުން ކުރަމުން އަންނަ ތަރައްގީ ހުއްޓުވުމަށް ކުރާ ކަންތައް ކަމަށްބުނެ ކުޅުދުއްފުށީ ރައްޔިތުން އެވާހަކަތައް އަޑުނޭހުމަށްވެސް އައިބީ ވަނީ ގޮވާލާފައެވެ.