އިންސާނަކު ނޫޅޭ ތަނެއްގައި ހިމާޔަތް ކުރަން ޖެހޭ ޖަނަވާރެއް ނުވަތަ ގަހެއް ވެސް ނުހުންނާނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އައިބީ މިހެން ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި ކުޅި އެއް ހިއްކައިގެން އެއާޕޯޓް އަޅަން ނިންމާފައިވާތީ އެކަމާއި ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އައިބީ ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް ވެސް ކުރަމުން ގެންދަނީ އިންސާނުން ދިރިއުޅުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން ނެތް ތަނެއްގައި އޮންނާނީ ކޮން ތިމާވެއްޓެއް ތޯ ވެސް އައިބީ ވަނީ ސުވާލު ކުރައްވާފައެވެ.
"ރައްޔިތުން ނެތް ތަނެއްގައި ދެން ކޮން ތިމާވެއްޓެއް ތޯ އޮންނާނީ. ފުރަތަމަ ރައްޔިތުން، އިންސާނާ. ފުރަތަމަ އިންސާނާ. އިންސާނަކު ނެތްތަނެއްގައި ދެން އެތަނެއްގައި ހިމާޔަތް ކުރަންޖެހޭ ޖަނަވާރެއް ނޫނިއްޔާ ގަހެއް ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން"
އައިބީ ވިދާޅުވީ އިންސާނުން ނެތްތަނެއްގައި ހިމާޔަތް ކުރަންޖެހޭ އެއްޗެއް ނުހުންނާނެކަން ކުޅުދުއްފުށީގެ އެންމެ ތުއްތު ކުއްޖާވެސް ޤަބޫލުކުރާނެ ކަމަށެވެ.
"ހުރިހާ ކަމެއް ކުރަނީ ވެސް އިންސާނުން ދިރިތިބުމަށްޓަކާ. އެހެންވީމާ އަޅުގަނޑުމެން ނެތްތަނެއްގައި ދެން ކޮން ޖާގައެއްތޯ އެހެން ކަމަކަށް އޮންނަން ޖެހޭނީ. އެއީ އެރަށުގެ އެންމެ ތުއްތު ކުއްޖާ އަށް ވެސް އަޅުގަނޑަށް ހީވަނީ މި މައުލޫމާތު އެނގޭނެހެން." އައިބީ ވިދާޅުވިއެވެ.
މީގެ އިތުރުން އައިބީ ވަނީ ކުޅުދުއްފުށީގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު ވެސް އެއާޕޯޓް މަޝްރޫޢާއި ދެކޮޅު ނަހައްދަވައި ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ވެސް ގޮވާލައްވާފައެވެ.