Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އީޔޫގެ ވަފުދު އިދިކޮޅު ޕާޓީތަކާ ބައްދަލުކޮށްފި

ރާއްޖޭގެ ސިޔާސަތު ހާލު ގޯސްވެފައިވާތީ އެކަމާއި ގުޅިގެން ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުންދާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދުން އިދިކޮޅު ފަރާތްތަކާއި ބައްދަލުކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކާއި އީޔޫގެ ވަފްދުން ބޭއްވި ބައްދަލުވުން އޮތީ ހޮޓެލް ޖެންގައެވެ.

އެ ބައްދަލުވުމާއި ބެހޭ ގޮތުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ހާލަތު ވަރަށް ރަނގަޅަށް ކިޔައި ދީފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހާލަތާއި ސިޔާސީ ބޭފުޅުންނަށް ކުރަމުންދާ ދުއްތުރާތަކާއި ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އީޔޫގެ ވަފުދާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތަކާއި 2018ގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވީ ރިޔާޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި މައްޗަންގޮޅި އުތުރު ދާއިރާ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާ ޝިދާތާ ޝަރީފެވެ.

އީޔޫ ވަފުދުގެ ބޭފުޅުން ހޯމަ ދުވަހު ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލު ކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބްދުލް ޤައްޔޫމާވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.