ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އިތުރު ތިން މެމްބަރަކު ޕާޓީން ވަކިކުރުމަށް ނިންމައިފިއެވެ.
ވަކިކުރުމަށް ނިންމާފައިވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ.
މި ތިން މެމްބަރުންނަކީވެސް ސަރުކާރާއި ދެކޮޅަށް ނިކުމެފައިވާ ތިން މެމްބަރުންނެވެ. ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ތިން މެމްބަރުންވެސް ސަރުކާރު ބަދުނާމުވާފަދަ ވާހަކަ ދައްކާފައިވާ ކަމަށާއި ޕީޖީ ގްރޫޕުތަކުގެ ނިންމުންތަކާ ޚިލާފުވެފައިވާކަން ފާހަގަކޮށް، ވަކިކުރުމަށް ނިންމާފައެވެ.
ތިން މެމްބަރުންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށައެޅުމަށް ސޮއިކޮށްފައެވެ. އަދި ޕީޕީއެމުން ވަކިވި 10 މެމްބަރުންގެ ތެރޭގައިވެސް މި ތިން މެމްބަރުން ހިމެނެއެވެ.
މީގެ ކުރިން ޕާޓީން ވަކިވާން އެދި ހުށައެޅުމުން ވަކިނުކޮށް ހަތަރު މެމްބަރަކު ވަނީ ސުޕްރީމް ކޯޓުން ހުކުމް އިއްވި ފަހުން ޕާޓީން ވަކިކޮށްފައެވެ. އޭގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން އިއުލާންކޮށްފައެވެ.
އެ ހަތަރު މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމެވެ. މީގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަބްދުﷲ އަދި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންވެސް ޕާޓީން ވަނީ ވަކިކޮށްފައެވެ.