Last Updated: June 29, 02:43
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޕެޑްމޭން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

އަކްޝޭ ކުމާރްގެ "ޕެޑްމޭން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ކަމުގައިވާ 26 ޖެނުއަރީ 2018 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ގޯރީ ޝިންޑޭ އާއިއެކު ޓްވިންކަލް ކައްނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ. މި ފިލްމް ބިނާކޮށްފައި ވަނީ ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ މައްޗަށެވެ.

އަރުނަޗަލަމްގެ އެ މަސައްކަތަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ރައްދުވިނަމަވެސް، މިހާރު ގިނަ ބަޔަކު ވަނީ އޭނާގެ މަސައްކަތް ފާހަގަކޮށްފަ އެވެ. އަދި "ޕެޑްމޭން" ފިލްމަކީ އޭނާގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާ އަށް ޚާއްސަ ކުރެވޭ ފިލްމެކެވެ.

މި ފިލްމްގައި އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރް އަދި ރާދިކާ އާޕްތޭ ވެސް ޙަރަކާތްތެރިވާނެ އެވެ. މީގެ އިތުރުން ފިލްމްގައި ޚާއްސަ ފެނިލުމަކުން އަމީތާބް ބައްޗަން ވެސް ފެނިގެންދާނެ އެވެ.

އާރް ބަލްކީ ލިޔެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.