ކުރީގެ ބޮލީވުޑް ބަތަލާ ޓްވިންކަލް ކައްނާ ވަނީ ފިލްމް ކުޅުން ހުއްޓާލިފަހުން އެހެނިހެން ދާއިރާތަކުން ކުރިއެކުން ހޯދާފައެވެ. ޓްވިންކަލް އަކީ ލިޔުންތެރިއެއް އަދި ފިލްމް ޕްރޮޑިއުސަރެއް ވެސް މެއެވެ.
އެގޮތުން އޭނާ ލިޔެފައިވާ ފޮތް "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" އަށްޓަކައި ޓްވިންކަލް އަށް ވަނީ ހަ ވަނަ ބެންގަލޫރު ލިޓަރޭޗަރ ފެސްޓިވަލް ގައި ޕޮޕިއުލާ ޗޮއިސް އެވޯޑް ލިބިފައެވެ.
ޓްވިންކަލް ވަނީ މި އުފާވެރި ޚަބަރު ޓްވިޓާ މެދުވެރިކޮށް ހޮނިހިރު ދުވަހު އާންމުންނާއި ހިއްސާކޮށްފަ އެވެ.
އެ ފެސްޓިވަލް ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެވެ.
"ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" އަކީ މިހާތަނަށް ޓްވިންކަލް ލިޔެ ޕަބްލިޝް ކުރި ދެވަނަ ފޮތެވެ. އޭނާގެ ފުރަތަމަ ފޮތް ކަމުގައިވާ 2015 ވަނަ އަހަރު ރިލީޒްކުރި "މރސ. ފަނީބޯންސް" އަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ޓްވިންކަލްގެ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު، އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އަކްޝޭ ކުމާރްގެ ފިލްމް "ޕެޑްމޭން" ކޯ-ޕްރޮޑިއުސް ކޮށްފައި ވަނީ ވެސް ޓްވިންކަލް އެވެ.