ކުޅުދުއްފުށީ ކުޅި ހިއްކައިގެން ސަރުކާރުން އެއާޕޯޓު އެޅުމަށް ނިންމާފައިވުމުން އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެތީ ރަށު ރައްޔިތަކު ކުޅި ހިއްކުން ހުއްޓުވުމަށް އަމުރު ނެރެދިނުމަށް އެދި ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމައިފިއެވެ.
ކޯޓުން މައްސަލަ ހުށައެޅި ފަރާތް، މުހައްމަދު އާދަމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މައްސަލަ ބަލައިގަނެވޭނީ ދައުވާ ކުރުމުގެ މަސްލަހަތު އޮތުމާ އެކު، ދައުވާ ކުރުމުގެ ހައިސިއްޔަތެއް އޮވެގެން ކަމަށެވެ.
އަދި މައްސަލަ ހުށައެޅިއިރު އޭނާގެ ހައްގު ނުވަތަ މަސްލަހަތަކީ ކޮބައިކަން ބަޔާންކޮށްފައިނުވާ ކަން ކޯޓުން ވަނީ މައްސަލަ ބަލައިނުގަނެ އެންގި އެންގުމުގައި ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދައުވާއާއެކު ހުށައެޅި ލިޔުން، އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ރިޕޯޓަކީ ހެއްކެއް ގޮތުގައި ބެލެވޭނެ ލިޔުމެއް ނޫންކަމަށްވެސް މުހައްމަދު އާދަމަށް ވަނީ އަންގާފައެވެ.
ކުޅުދުއްފުށި ކުޅި ހިއްކައި އެއާޕޯޓު އަޅާތީ އަމިއްލަ ފަރާތްތަކާއި ރާއްޖޭގައި ހަރަކާތްތެރިވާ އެންޖީއޯތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަށަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ބަޔާންކުރުމަށްފަހު އާންމުންގެ އެތައް ބަޔަކު އެކަން ނުކުރުމަށް ގޮވާލަމުންދިޔަ ނަމަވެސް ސަރުކާރުން ވަނީ ފެށޭ މަހުގެ ކުރީކޮޅު ކުޅި ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް އިއުލާންކޮށްފައެވެ.