Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ނަޝީދަކީ ޤަރުނުގެ އެންމެ ބޮޑު ޖޯކް: އައިބީ

ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމްދީދީ ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ވާދަކުރައްވާ އަލީ ހަނީޒުގެ ކެމްޕެއިން ރެލީއެއްގައި .

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މި ޤަރުނުގެ އެންމެ ބޮޑު ޖޯކު ކަމުގައި ފޭދޫ ދާޢިރާގެ މެންބަރު އިބްރާހިމްދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ނަޝީދު ދައްކަވާ ވާހަކަތަކަކީ ދުނިޔޭގެ އެންމެން ވެސް ޖޯކެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ވާހަކަތަކެއް ކަމަށެވެ. ނަޝީދު ދައްކަވާ ވާހަކަތަކުގެ ތެރެއިން ޖޯކެއްގެ ގޮތުގައި އައިބީ ސިފަކުރެއްވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ރާއްޖެއިން ކުރި މަސައްކަތަށް ނަޝީދު ފާޑުވިދާޅުވުމެވެ.

އައިބީ ވިދާޅުވީ، ރާއްޖެ އދ. ގެ މެންބަރެއްގެ ގޮތުގައި އޮތުމުން މައްސަލައެއް ނެތި ސަލާމަތީ މަޖިލީހުގެ މެންބަރަކަށް ވާން އުޅުމުން އެކަމަށް ހުރަސްއެޅުމަކީ ޖޯކެއް ކަމަށެވެ.

ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ އެއީ "ރަނގަޅަށް ޓްރެއިންކޮށްފައި ހުރި ވަރަށް ޔަހޫދީ މީހެއް" ކަމަށެވެ.

"ވަރަށް މަކަރުވެރި މީހެކޭ މިއީ، މީނަ އަކީ ވަރަށް ޔަހޫދީ މީހެއް. މިއީ ހަމަ ވަރަށް ރަނގަޅަށް ޓްރެއިނިން ކޮށްފައި ހުރި މީހެއް"، ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ ނަޝީދު އަކީ ވަރަށް މަކަރުވެރި އަދި މީހުން އޮޅުވާލުމަށް މަސައްކަތް ކުރާ މީހެއް ކަމަށާއި ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާޢްވާނެ ކަމަށް ވިދާޅުވެ ޑރ. ހަސަން ސައީދަށް ވެސް އޮޅުވާލެއްވި ކަމަށެވެ.

މީގެ އިތުރުން ނަޝީދަކީ ކާފިރުންނަށް ތާއީދުކޮށް ޔަހޫދީ ވިސްނުން ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް އައިބީ ވަނީ ވިދާޅުވެފައެވެ.