Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ވިލާ ކޮލެޖްގެ 2018 ގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލައިފިއެވެ..

ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭޚްގައި ތަފާތު ދާއިރާތަކުން 75 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ޑިސެމްބަރ މަހުގެ 17 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޖެނުއަރީ މަހު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ ހަތް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ހަތަރު ކޯހަކާއި ޑިގްރީ ފެންވަރުގެ 20 ކޯހަކާއި އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ އަށް ކޯހެކެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް ތިނެއްގެ ނުވަ ކޯހެއް ފަށަން ހަމަޖައްސާފައިވެ އެވެ.

ވިލާ ކޮލެޖްގެ ކޯސްތަކަށް ފުރުސަތު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ އެކޮލެޖުން މަސައްކަތް ކުރަނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ކޯސްތައް ވީހާވެސް އަގު ހެޔޮ ގޮތެއްގައި ކިޔެވޭނެ ފުރުސަތު ހޯދައި ދިނުމަށެވެ. އެގޮތުން އެކޮލެޖުން ދަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓާން އޮފް އިންގްލެންޑުގެ މާސްޓާސް އަދި ޑިގްރީ ފެންވަރުގެ ކޯސްތައް މިއަންނަނީ ހިންގަމުންނެވެ.

އަންވަރު ވިދާޅުވީ ވިލާ ކޮލެޖްގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުޅުވާފައިވާ ކޮލެޖްތަކުންވެސް މީގެ ގިނަ ކޯސްތައް ކިޔެވޭނެކަމަށެވެ.

ވިލާ ކޮލެޖަށް މިމަހު 10 އަހަރު ފުރުނު އިރު އެކޮލެޖުން ވަނީ އިސްލާމިކް ބޭންކުގެ ފައިނޭންޝިއަލް ފެސިލިޓީ މެދުވެރިކޮށް އަގުހެޔޮކޮށް ކިޔެވޭނެ ފުރުސަތު ހުޅުވާދީފައެވެ.