އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ސައުތު ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ފުރަތަމަ ޑަބްލިއުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލަށް މީދޫ އަންހެން ވޮލީ ޓީމާއި މަރަދޫ ފޭދޫ ޓީމް ހޮވިއްޖެއެވެ.
މަރަދޫ ފޭދޫ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބްކޮށްގެންނެވެ. މީދޫ ޓީމް ފައިނަލްގެ ފަހު ޖާގަ ހޯދީ ރޭ ފޭދޫ ޔޫތު ކޮމިއުނިޓީ ޓީމް 3-1 ސެޓުން ބަލިކޮށްގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ މީދޫ ޓީމްގެ ޖޯޒީ ނަންބަރ 5 މަރިޔަމް ހަސަންއެވެ.

މުބާރާތުގެ ތިން ވަނަ ޓީމްގެ ގޮތުގައި ހޮވުނީ ފޭދޫ ޔޫތު ކޮމިއުނިޓީއެވެ. އެޓީމަށް ވަނީ ބްރޯންޒް މެޑަލް ލިބިފައެވެ.
މުބާރާތުގެ ފައިނަލް މެޗް ނޮވެމްބަރ 1 ވަނަ ދުވަހުގެ ރޭ 8:30 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި މިފަހަރު 4 ޓީމެއް ބައިވެރިވި ނަމަވެސް ކުރިއަށް ހުރި މުބަރާތްތަކުގައި އިތުރު ޓީމްތައް ފެނިގެންދާނެކަމަށް އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ޝެހެނާޒު ރަޝީދު ވަނީ ވިދާޅުވެފައެވެ.

އަހަރުތަކެއް ވަންދެން އައްޑޫގައި އަންހެން ވޮލީގެ ކުޅިވަރު ވަޅުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ މި މުބާރާތް ބެލުމަށް ގިނަ ބަޔަކު ފޭދޫ ވޮލީ ކޯޓު ސަރަހައްދަށް ދާކަން ފާހަގަކޮށްލެވެއެވެ. އަދި ކުރިން އޮތް ފޯރި އަންނާނެކަމަށް ވޮލީއަށް ސަޕޯޓް ކުރާ ފަރާތްތަކުން ބުނެއެވެ.