ސިޔާސީ ބޭނުމަށް ތައުލީމީ ގާބިލް ފުލުހުން ވަޒީފާއިން ވަކި ކުރުމަކީ ގައުމަށް ލިބޭ ފޫނުބެދޭ ވަރުގެ ގެއްލުމެއްކަމަށް ކުރީގެ ޕޮލިސް ކަމިޝްނަރ އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިފަދައިން ވިދާޅުވީ އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމީ ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުންނާއި ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާކަމަށް ބުނެއެވެ.
ފައިރޫޝް ވަކި ކުރަން ނިންމި އިރު ޕޮލިސް އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވަނީ އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ޕޮލިސްއަށް ބަދަލު ކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން މިދިޔަ މަހު ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑްގެ މަގާމުގައި ހުންނެވި މުހައްމަދު ރިޔާޒު ވަނީ ފުލުހުން ވަކިކޮށްފައެވެ. އަދި އޭސީޕީ ނަވާޒު ވަނީ ލ. އަތޮޅު ކޮމާންޑަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުންވެސް ކަމިޝްނާ އޮފް ޕޮލިސް އަހްމަދު އަރީފް އާއި ޑެޕިއުޓީ ކަމިޝްނާ އޮފް ޕޮލިސް އަހްމަދު ސައުދީއާ ދެމެދު ހިނގި ދެބަސްވުމެއްގެ މައްސަލަ ރައީސް އޮފީހުގެ ހާއްސަ ކޮމެޓީއަކުން ދަނީ ބަލަމުންނެވެ.