Last Updated: June 17, 06:17
Wednesday, June 17, 2026
މުނިފޫހިފިލުވުން

"ހައުސް އޮފް ކާޑްސް" ހުއްޓާލަނީ

މަޝްހޫރު ޓީވީ ޝޯ "ހައުސް އޮފް ކާޑްސް" ސީޒަން ހައެއް ދެއްކުމަށް ފަހު ޝޯ ހުއްޓާލުމަށް ނެޓްފްލިކްސް އިން ނިންމައިފި އެވެ.

ނެޓްފްލިކްސް އޮރިޖިނަލް ޝޯއެއް ކަމަށްވާ ހައުސް އޮފް ކާޑްސް ކެންސެލްކޮށްފައި ވަނީ ޝޯގެ ބަތަލު، ކެވިން ސްޕޭސީ 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ފަޅާއެރުމުންނެވެ.

މީގެ 31 އަހަރު ކުރިން، 1986 ވަނަ އަހަރު ކެވިން ސްޕޭސީ އޭރު އުމުރުން 14 އަހަރުގެ އެންތޮނީ ރެޕްއަށް ޕާޓީއެއްގެ ތެރެއިން ޖިންސީ ގޮތުން އަނިޔާދީފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ސްޕޭސީ ބުނެފައިވަނީ އޭނާ އެކަން ކުރި ކަމެއް ހަނދާންނުވާ ކަމަށެވެ. އަދި ކުރިނަމަ ކޮށްފައިވާނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ގަސްދުގައި އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށް ސްޕޭސީ ބުންޏެވެ. މީގެ އިތުރުން ސްޕޭސީ ވަނީ މި ތުހުމަތުތައް އަމާޒުކުރުމުން އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއްކަމަށްވެސް ބުނެފައެވެ.

ނެޓްފްލިކްސް އިން ދައްކަމުން އައި "ހައުސް އޮފް ކާޑްސް" ޝޯ ކެންސެލް ކޮށްފައިވަނީ އިއްޔެ ނެޓްފްލިކްސްއާއި މީޑިޔާ ރައިޓްސް ކެޕިޓަލް އެއްބަސްވެގެންނެވެ. ޝޯ ހުއްޓާލާފައިވާކަން ކާސްޓަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ "ހައުސް އޮފް ކާޑްސް" ކުއްލި ގޮތަކަށް ހުއްޓާލުމުން ވަރަށް ގިނަ ބަޔަކު ތިބީ މާޔޫސްވެފައެވެ. ނަމަވެސް ސްޕޭސީގެ އަމަލު ކުށްވެރިކޮށް އެމީހުން ވަނީ އޭނާ ޝޯއިން ވަކިކުރުމަށްފަހު ޝޯ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ނަމަވެސް ސީޒަން 6 ފަހު ސީޒަންގެ ގޮތުގައި ހެދުމަށްފަހު ނެޓްފްލިކްސް އިން ވަނީ ޝޯ ކެންސެލްކޮށްފައެވެ. މިކަމާއި ގުޅިގެން ނެޓްފްލިކްސް އިން ބުނެފައިވަނީ ސްޕޭސީގެ އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.