މޯލްޑިވްސް ޕޮލިސް ސާވިސްގެ ބައެއް މަތީ މަގާމުތަކަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.
އެނގިފައިވާ ގޮތުގައި މިފަހަރުވެސް ފުލުހުންގެ މަތީ ފަސް މަގާމަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ބަދަލުކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ޑެޕިއުޓީ ހެޑްއަކަށް ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަހުމަދުވަނީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އޮފް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ މަގާމަށް ބަދަލުކޮށްފައެވެ.
އަދި ހުސްވި ޑެޕިއުޓީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަނަށް ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރުވަނީ އައްޔަންކޮށްފައެވެ. މީގެ އިތުރުން ޑެޕިއުޓި ހެޑް އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑިރެކްޓޭޓަރުގެ ޑެޕިއުޓީ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ވަނީ އައްޔަންކޮށްފައެވެ.
ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުގެ ހެޑަކަށް ސުޕްރިޑެންޓް ހަސަން ހަނީފު އައްޔަންކޮށް، ކޮމިޝަނާގެ ލީގަލް ކައުންސެލް ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހާވަނީ ނޮދަން އޮޕަރޭޝަންސްއަށް ބަދަލުކޮށްފައެވެ. އަދި ލީގަލް ކައުންސިލްގެ މަގާމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
މަތީ މަގާމުތަކަށް ބަދަލު ގެނެސްފައިވާއިރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުﷲ ފައިރޫޝް ވަނީ ސޯޝަލް މީޑިޔާގައި ދެއްކި ވާހަކައަކާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައެވެ.
މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަދި ޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސްގެ ދެމެދުގައި ހަމަނުޖެހުން އުފެދި، ރައީސް އޮފީހުން އެމައްސަލަ ބަލަން ފަށާފައިވާ ޚަބަރުވެސް ވަނީ މީޑިޔާގައި ފެތުރިފައެވެ.
މިދަނޑިވަޅުގައި ފުލުހުންގެ މަގާމުތަކަށް ބަދަލު ގެނެއުމުން ގިނަ ބަޔަކު ވަނީ ފުލުހުންގެ ތެރޭގައި ގައުމުގެ މަސްލަހަތު ބެލެހެއްޓުމަށް އެކަށީގެންވާ ވެރިންތަކެއް ތިބިތޯ ސުވާލުކުރަމުންނެވެ.