ރާއްޖޭގެ މަގުތަކުގެ އަމާންކަން ގެއްލި، މުޅި މުޖުތަމައު ހަލާކުކޮށްލީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތް ފަހުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމްގެ މާފަންނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ މީގެ 9 އަހަރު ކުރިން ދިވެހިން ގެނައި ބަދަލުގެ ސަބަބުން މުޅި ދައުލަތް ހަލާކުވެފައިވާ ކަމަށެވެ.
އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތް ފަހުން މަގުތައް ނާމާންވެ، މުޖުތުމައު ހަލާކުވެފައިވާ ކަމަށާއި މިއަދު މިފެންނަނީ އޭގެ ހިތި ނަތީޖާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން ނަޝީދަކީ ކޮންކަހަލަ މީހެއްކަން ބައެއް ދީނީ އިލްމުވެރިންނަށް އޮޅިފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރާއްޖޭގައި ނަސާރާ ދީން ފަތުރާ އުޅުނު ބޮޑު ހަ މީހަކު ޑީޕޯޓުކޮށް ރާއްޖެއިް ބޭރުކޮށްލާފައިވަނިކޮށް ނަޝީދުގެ ވެރިކަމުގައި އެމީހުން ރާއްޖެ އާދެވޭގޮތްވެސް ހަދާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން މާލޭގެ މަގުތައް މާބޮޑަށް ނާމާންވެފައިވާ ކަމަށްބުނެ ސޯޝަލް މީޑިޔާގައި އާންމުން ވަނީ ފާޑުކިޔާފައެވެ.