އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ގދ. ތިނަދޫގެ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދްމަތްތައް ބައިނަލްއަޤުވާމީ ފެންވަރަށް ޤާއިމްކޮށް ދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސް ޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެމްޑީޕީން މިހާރު ކުރިއަށް ގެންދާ "ދޭތިން ފަހެތި" ކެމްޕެއިންގައި އިއްޔެ ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ކުދި އިންޖީނުގެތައް އެއްކޮށް ބޮޑު އެއް އިންޖީނުގެ އުފެއްދުން ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ނުހަނު ވިސްނުންތެރިކަމާ އެކު އެ މައްސަކަތް ކުރެއްވި ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި އިޔާދަކުރުވަނި ހަކަތަ ބޭނުންކޮށްގެން ތިނަދޫގައި ކަރަންޓް ޔުނިޓަކަށް ޖެހޭވަރު މިހާރަށް ވުރެން ދެ ގުނަ ކުޑަކޮށްދެއްވާނެ ކަމަށާއި އެކަން އެމްޑީޕީގެ ސަރުކާރަކަށް ކުރެވިދާނެ ކަމަށެވެ.
"މި ޒަމާނުގައި ހަކަތަ އުފައްދަނީ އިރުގެ ދޯދިން. މި ޒަމާނުގައި ހަކަތަ އުފައްދަނީ ވައި ރޯޅިން. މި ޒަމާނުގައި ހަކަތަ އުދައްނީ ކަނޑުގެ ރާޅުތަކުން. މި ދެންނެވި ޤުދްރަތީ ވަސީލަތްތަކަކީ މި ރާއްޖެ އަށް ވަރަށް ބޮޑު ނިޢުމަތެއްގެ ގޮތުގައި. ރިޒްޤެއްގެ ގޮތުގައި ލިބިފައިވާ ވަސީލަތްތަކެއް. ދުނިޔޭގެ ޓެކްނޮލެޖީ ބަދަލަވަމުން މިދަނީ އެއީ ތެލައް ވަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިނަދޫގައި ވެސް އިޔަދަކުރުވަނި ހަކަތަ ބޭނުންކޮށް ކަރަންޓް ޔުނިޓަކަށް ހިނގާ ޚަރަދު ދެގުނައަށް ކުޑަކޮށް ދޭނަން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ތިނަދޫގެ ޒުވާނުންނަށް ކުރިމަތިވެފައިވާ ވަޒީފާގެ މައްސަލަ އަށް ވެސް އަލި އަޅުވާލައްވާފަ އެވެ. ނަޝީދު ވިދާޅުވީ ދޮޅުހާއްހެހާ ޒުވާނުން ވަޒީފާއެއް ބޭނުންވެ، އެހެން ނަމަވެސް ވަޒީފާ ނެތިފައި ތިބެ ޖެހުމަކީ ހިތާމައެއް ކަމަށާއި، އެއީ ރަށުގެ ތަރައްޤީ އަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
އަދި އެމްޑީޕީގެ އަމާޒަކީ، އެމްޑީޕީގެ ސަރުކާރުގައި ތިނަދު އާއި ހުވަދު އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅި އެވެ.