Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

ލަންކާގައި އެމްޑީޕީއަށް ވުރެ ޕީޕީއެމް ވަރުގަދަ: މުންދު

މުހައްމަދު ހުސެއިން ޝަރީފް(މުންދު): ފޮޓޯ - މިހާރު ނިއުސް

އަވަށްޓެރި ސްރީ ލަންކާއަކީ އެމްޑީޕީގެ "ކިއްލާއެއް" ކަމަށް އެމްޑީޕީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހިންނަށް ދައްކާފައި އޮތް ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވެއްޖެއެވެ.

މުންދު ވިދާޅުވެފައިވަނީ މިހާރުވެސް އެމްޑީޕީއަށްވުރެ ލަންކާގައި ޕީޕީއެމް މާ ވަރުގަދަ ކަމަށެވެ. އަދި އެ ހަގީގަތަކީ އެމްޑީޕީ އެކްޓިވިސްޓުން މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް މުންދު ވިދާޅުވިއެވެ.

"މި މީހުން ދައްކާފައި އޮންނަ ފޮޓޯއަކީ ސްރީ ލަންކާ އަކީ އެމްޑީޕީގެ މާ ބޮޑު ކިއްލާއެކޭ. ތިމަންނާ ނޫން ބަޔަކަށް މިތަނަށް އަރާފައިބާ ވެސް ނޫޅެވޭނެޔޭ. ތިމަންނާމެން ބޭނުން ގޮތަކަށޭ ލަންކާގައި އުޅޭނީ. އެހެން ނަމަ، އަޅުގަނޑު ލަންކާގައި މިވީ އެއް މަސް ދުވަހު އަޅުގަނޑު ބޭނުން ގޮތަކަށް ނޫޅެވޭނެ." މިހާރު ނޫހަށް މުންދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ސްރީ ލަންކާއަށް ވަރަށް ގިނައިން ވަޑައިގަނެ، އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވައެވެ.

އަދި ލަންކާ ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ނަޝީދާއި ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށް އެމްޑީޕީ މެމްބަރުން ގަބޫލުކުރިނަމަވެސް އެއީ ކުށްހީއެއް ކަމަށް މުންދު ބުނެފައިވެއެވެ. އެގޮތުން ދާދި ފަހުން ލަންކާގައި ހުޅުވި ޕީޕީއެމް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ އަދަދު މިހާތަނަށް ލަންކާގައި ބޭއްވި ހުރިހާ ސިޔާސީ ހަރަކާތްތަކަށްވުރެ ގިނަ ކަމަށް މުންދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީން ބާއްވާ މިފަދަ ހަރަކާތްތަކަށް 300 މީހުންވެސް ޖަމާނުވާ ކަމަށާއި އެހެންކަމުން އެމްޑީޕީގެ ބާރު ލަންކާގައި ގަދައީ ކިހާވަރަކަށްތޯ މުންދު ސުވާލު އުފައްދާފައިވެއެވެ.

ލަންކާ ސަފީރުގެ މަގާމަށް މުންދު ހަމަޖެއްސެވި ފަހުން އޭނާ ވަނީ ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މުންދު ވަނީ ލަންކާގެ މަގުމައްޗަށް އެކަނި ނިކުމެ، ނަޝީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އަންގައިފިނަމަ އެކަން ކުރަންވެސް ތައްޔާރަށް ހުރިކަމަށް ވިދާޅުވެފައެވެ.