Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

އަނަސް މަރާލީ އޮޅިގެން: ފުލުހުން

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މާލޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ރަހަމްކުޑަ ގޮތަކަށް މަރާލި ރ. މީދޫ، ފެންފިޔާޒްގެ، މުހައްމަދު އަނަސް މަރާލީ އެހެން މީހަކު ކަމަށް ހީކޮށްގެން ކަމަށާއި އެއީ ދުރާލާ ރާވައިގެން ކުރި ކަމެއް ނޫން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަނަސްގެ މަރުގެ ތަހުގީގު ހިނގައިދިޔަ ގޮތް މީޑިޔާއާ ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ އަނަސްއަށް ދިން ހަމަލާއަކީ، އެހަމަލާ ދިން މީހުން އެހެން މީހަކު ހޯދަމުން ދަނިކޮށް އެމީހަކީ އަނަސްކަމަށް ހީކުރެވިގެން ދިން ހަމަލާއެއް ކަމަށެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މިފަދަ ވާހަކަފުޅެއް ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ އަނަސްގެ މަރުގެ މައްސަލާގައި ކުށްވެރިވީ އަނަސް ލައިގެން ހުރި ގަމީސް ކަމަށެވެ. ގާތިލުން ހޯދަމުން ދިޔައީ އެރޭ އަނަސް ލައިގެން ހުރި ގަމީހާ ވައްތަރު ގަމީހެއް ލައިގެން ހުރި މީހެއް ކަމަށާއި އެމީހުންނަށް ފުރަތަމަ ފެނުނީ އަނަސަ ކަމަށްވުމުން އަނަސް އަށް ހަމަލާދިނީ ކަމަށް ފުލުހުންނާ ހަވާލާދީ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅޭގޮތުން ފުލުހުން ކުރި ތަހުގީގުގައި ހޯދަން މަސައްކަތް ކުރި މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހޯދިފައި ކަމަށެވެ. އެގޮތުން ފުލުހުން ހޯދަން އިއުލާން ކުރުމުން ފިލައިގެން އުޅުނު އެކަކު ހޯދާފައިވާކަން ފާހަގަކޮށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީފައިވަނީ ސައިކަލުތަކަކުން އައި ބަޔެކެވެ. އެމީހުން ތިބީ މޫނު ނިވާކޮށްގެނެވެ. މާލޭގެ މަގުމަތިން ތޫނު އެއްޗިއްސާއެކު ލިޓަސް ތެރެއަށްވަދެ އެތައް ފަހަރު މަތިން އަނަސްއަށް ހަމަލާދީފައިވެއެވެ.