ބަންގްލަދޭޝްގެ މީހަކާއި ކައިވެނީގެ ގޮތުން ގުޅެން ކަމަށް ބުނެ އެގައުމަށް ދިޔަ މަރަދޫފޭދޫ އުމުރުން ދުވަސްވީ މީހަކު "ވީނުވީއެއް" ނޭގި މަރުވެއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ މަޝްހޫރު "ބޯކޮށާ ފަތުހީ"އެވެ. ފަތުހީ ބަންގަލަދޭޝްއަށް ގޮސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އޮތީ މާދަމާއަށެވެ.
ފަތުހީގެ އާއިލާގެ މީހަކު "އައްޑޫލައިވް"އަށް ބުނީ ފަތުހީގެ މަރުގެ ހަބަރު މިއަދު މެންދުރު ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ހައިކޮމިޝަންގެ ބެލުމުގެ ދަށުގައިކަމަށް މައުލޫމާތު ލިބެއެވެ.
ފަތުހީގެ މަރަކީ ގުދުރަތީ މަރެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ފަތުހީގެ މަރުގެ މައްސަލަ އެގައުމުގެ ފުލުހުން މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ.
ފަތުހީ ބަންގްލަދޭޝްއަށް ގޮސްފައިވަނީ އެގައުމުގެ ޒުވާން ކުއްޖަކާއި ކާވެނި ކުރުމަށްކަމަށްވެއެވެ. އޭނާ އެވާހަކަ އެކުވެރި ބައެއް މީހުންނާއި ހިއްސާކޮށްފައިވާކަމަށް އެމީހުން ބުނެއެވެ.
ފަތުހީ އަކީ ސ. ގަމުގައި ގިނަ ދުވަސްތަކެއް ވަން ދެން ބޯކޮށާ ތަނެއް ހުޅުވައިގެން ހިދްމަތް ދިން މީހެކެވެ. އަދި އޭނާ ފަހުން އަމިއްލަ ރަށް ކަމަށްވާ މަރަދޫ ފޭދޫގައިވެސް ބޯކޮށުމުގެ ހިދްމަތް ދިނެވެ.
ގިނަ މީހުންނާއި އެކުވެރިކަން އޮންނަ ފަތުހީގެ 11 ކުދިން ދުނިޔޭގައި އެބަތިއްބެވެ.