ކަރީނާ ކަޕޫރާއި ރިތިކް ރޯޝަން މީގެ ކުރިން ވަނީ އެކުގައި ފިލްމްތަކުން ފެނިގެން ގޮސްފަ އެވެ.
އެހެން ނަމަވެސް ސޫރަޖް ބަރްޖަތިޔާގެ 2003 ވަނަ އަހަރުގެ ފިލްމް "މޭ ޕްރޭމް ކީ ދީވާނީ ހޫ" އަށް ފަހު އެ ދެ ތަރިން އެކުގައި ސްކްރީނުން ފެނުމުގެ ފުރުސަތު ފޭނުންނަށް ވަނީ ގެެއްލިގެން ގޮސްފަ އެވެ.
ދެ ތަރިން އެކުގައި ފިލްމަކުން ނުފެންނަކީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. ދެ ތަރިންގެ ގުޅުމާ ބެހޭ ގޮތުން މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވެ އެވެ. އެކަމަކު ދެން މައްސަލައެއް ނެެތެވެ. ދެ ތަރިން ވެސް މިހާރު ތިބީ ކައިވެނިކޮށްގެންނެވެ.
ރިތިކްގެ ދެ ދަރިން ވެސް އެބަ ތިއްބެވެ. ކުރީގެ ކައިވެންޏަކަށް ދެ ދަރިން ލިބިފައި ހުރި ސައިފް އަލީ ހާނާ ކަރީނާ ކައިވެނި ކުރީ މިދިޔަ އަހަރު އެވެ.
އެ ދެ ތަރިންގެ ފޭނުން މާޔޫސްވެފައި ތިބި ނަމަވެސް، ފޭނުންނަށް ހިނިތުވުން ގެނެސްދޭނެ ހަބަރެއް މިހާރު ވަނީ މީޑިއާގައި ފެތުރެން ފަށައިފަ އެވެ. އެ ވާހަކައަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އިިން އަމިތު ތުރިޕަތީގެ ވާހަކަ "ދި އިމޯޓަލްސް އޮފް މެލޫހާ" އަށް ބިނާކޮށް އުފައްދާ "ޝުއްދީ" ގެ ލީޑް ރޯލަށް ކަރީނާ އާއި ރިތިކް ހަމަޖެހުނު ވާހަކަ އެވެ.
ދަރްމާގެ "އަގްނީޕަތު" ރިތިކް އާ އެކު ޑައިރެކްޓް ކުރި ކަރަން މަލްއުތުރާގެ "ޝުއްދީ" އަށް ރިތިކް ހަމަޖެހުނުކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެކަން ދެ ކަރަން ވެސް ވަނީ ޔަގީންކޮށް ދީފަ އެވެ.
އެހެން ނަމަވެސް އެ ފިލްމްގެ ބަތަލާއަކާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވިފައިވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޝުއްދީ" އަށް ކަރީނާ ފައިނަލް ކުރީ، ބަތަލާގެ ރޯލަށް ދީޕިކާ ޕަދްކޯން ވެސް ހަމަޖެއްސުމާ ބެހޭ ގޮތުން ވާހަކަތައް ދެކެވެމުން ދަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ޝޫޓިން ފަށާ "ޝުއްދީ" އަށް ކަރީނާ ވަނީ ފައިނަލް ކުރެވިފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ދެ ކަރަން ވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
މިކަން މިގޮތަށް ވެއްޖެ ނަމަ ޔަގީނުން ވެސް ކަރީނާ އާއި ރިތިކްގެ ޖޯޑް ސްކްރީނުން ބަލާލަން ބޭނުންވާ މީހުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ އެވެ. "ޝުއްދީ" ރިލީޒް ކުރާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
އެ ދެ ތަރިން މީގެ ކުރިން އެކުގައި މަސައްކަތްކޮށްފައިވާ ފިލްްމްތަކުގެ ތެރޭގައި ކަރަންގެ "ކަބީ ހުޝީ ކަބީ ޢަމް" އަދި ސްބާޝް ގާއީގެ "ޔާދޭން" އާއި ކުނާލް ކޯލީގެ "މުޖްސޭ ދޯސްތީ ކަރޯގޭ" ހިމެނެ އެވެ.