ބިރެއް ނެތި ގްރޫޕްތަކުން ޖަރީމާތައް ހިންގާ ސަބަބު އަހައި އޮޅުން ފިލުވަން ޖެހޭނީ އެ އަމަލުތައް ހިންގާ މީހުންގެ ފަރާތުން ކަމަށް ފުލުހުންގެ މޭޖާ ކްރައިމް ސެންޓަރުގެ ފަރާތުން ވާހަކަދެއްކެވި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސާމިހު ދެއްކެވި ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ފާޑު ވިދާޅުވެއްޖެއެވެ.
A very irresponsible statement by @PoliceMv . Gangthah bireh nethi harakaaiytheri vanee fuluhunge vaajibu adhaa nukuraathee! https://t.co/ehqDuQlXRe
— Husnu Al Suood (@hsuood) October 31, 2017
ސުއޫދު ވިދާޅުވީ ގޭންގުތަކަށް ބިރެއް ނެތި އުޅެވެނީ ފުލުހުންގެ ވާޖިބް އަދާނުކުރެވޭތީއެވެ. އަދި މިފަދައިން ފުލުހުން ބުނި ބުނުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.
މިދޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސާވިސް ސެންޓަރގެ ތެރޭގައި ވަޅިން "ކޮށާލި" ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި އިއްޔެ ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްގައި މުހައްމަދު ސާމިހް ވިދާޅުވީ އަނަސްއަށް ހަމަލާދޭން އަށް މީހުންގެ ގްރޫޕަކުން ސައިކަލްތަކުގައި އައިސްފައިވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
ހާމަކަން ބޮޑު ގޮތެއްގައި ޖަރީމާ ހިންގަނީ ކޮން ޔަގީންކަމެއް އޮވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ސާމިހު ވިދާޅުވީ "އެގޮތަށް އުޅެންޖެހޭ ސަބަބެއް އަޅުގަނޑު ހިތުން އެބަޔަކަށް އެނގޭނީ، އެބަޔަކަށް އެނގޭނީ އެބަޔަކަށް ކޮންފަދަ ޔަގީން ކަމެއް ލިބިގެން ކަމެއް ކޮންފަދަ ބިރުވެރިކަމެއް ފަހަނަ އަޅައި ގޮސްގެން ކަމެއް މިއުޅެނީ، އެބަޔަކު އަޅުގަނޑުމެން ކައިރީގަ ބުނީމަ އަޅުގަނޑުމެންނަށް ފަސޭހަ ވާނެ ތަންކޮޅެއް ފަސޭހަކަމާއެކު ޓެކްލް ކުރެވޭނެ ކަމަށް މި ބަލަނީ،"
ސާމިހުގެ މިވާހަކަތަކަށް ސުއޫދު ނޫން އެހެން ރައްޔިތުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ފުލުހުންނަށް އަމާޒުކޮށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އަނަސް މަރާލި މީހުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ތޫނު އެއްޗެހި ހިފައިގެން ސައިކަލްގައި ދިޔަ ވާހަކަ އައްޑޫލައިވްއިން މީގެ ކުރިން ގެނެސްދީފައިވާނެއެވެ.