ނަޞްރުގެ ދުވަހާއި ގުޅިގެން ކޮންމެ އަހަރަކު ވެސް އެމްއެންޑީއެފް އިން އިންތިޒާމުކޮށްގެން ބާއްވާ ފޮޓޯ މައުރަޒު މިފަހަރު އައްޑޫ ސިޓީ، ހުޅުދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި މި ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ، ނޮވެމްބަރ މަހުގެ 4 އަދި 5 ވަނަ ދުވަހު، އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ހޯލުގައެވެ.
މި ފޮޓޯ މަ މަޢުރަޒުގައި، 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއާ ގުޅުން ހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އަދި ސިފައިންގެ ޚިދުމަތްތަކާ ގުޅުން ހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ފޮޓޯ މަޢުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މި ފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނީ ނޮވެމްބަރ މަހުގެ 4 އަދި 5 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.